ޚަބަރު

ޔަހޫދީންގެ ޢުދުވާންތަކާ ގުޅިގެން ޣައްޒާ ޕޯލިޔޯ ވެކްސިން ކެމްޕޭން މެދުކަނޑައިލައިފި


ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން, އެ ސަހަރުގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށް ފަށާފައިވާ ކެމްޕޭންގެ ދެވަނަ ފިޔަވަހި މެދުކަނޑައިލަން މަޖުބޫރުވެފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކޮށްފިއެވެ. ޣައްޒާގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދިނުމުގެ މަސައްކަތް ފަށާފައި ވަނީ އޮކްޓޫބަރު 15ގައެވެ.

ޣައްޒާގައި ނުރައްކާތެރި ވައިރަހެއް ކަމުގައިވާ ޕޯލިޔޯ ފެތުރެން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ސަހަރުގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އެ ސަހަރުގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށް ފެށި ކެމްޕޭންގެ ފުރަތަމަ ފިޔަވަހި ފަށާފައި ވަނީ ސެޕްޓެންބަރު 1ވަނަ ދުވަހުއެވެ.

ޔަހޫދީ ފައުޖުގެ ޢުދުވާނުގެ ދަށުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޣައްޒާގެ ނަރުދަމާގެ ނިޒާމު ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އަދި, ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި, ސާފު ބޯފެނާއި ބޭސް ފަރުވާގެ ސާމާނު ލިބޭނެ މަގުތައް ވަނީ ބަންދު ކޮށްފައެވެ. ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޮންއަޅައި, އެ ތަންތަން ވެސް ވަނީ ސުންނާފަތިކޮށް, ބިމާ ހަމަކޮށްލާފައެވެ. ފަލަސްޠީނުގެ ބިންތަކުން ޕޯލިޔޯ ބަލި ޖެހިފައިވާ ކުއްޖަކު ފެނިފައި ވަނީ 25 އަހަރަށް ފަހުއެވެ.

ވެކްސިން ކެމްޕޭންގެ ދެވަނަ ފިޔަވަހީގެ ދަަށުން އެންމެ ފަހުން ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި އޮތީ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ކުޑަކުދިންނަށެވެ. އެ ސަރަޙައްދުގައި 119,000އެއްހާ ކުޑަކުދިންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ޖެހިފައިވާ ކަމުގައި ޑަބްލިޔުއެޗްއޯން ހާމަކުރި ނަމަވެސް, ޔަހޫދީ ފައުޖުން މި ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. ޣައްޒާގެ އުތުރުގެ ރަށްތަކުގައި ޔަހޫދީ ފައުޖުން މި ވަގުތު ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އަދި, ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ އިތުރުން ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫން ވަނީ ވަށައިލާފައެވެ. އަދި, އެ ރަށްތަކުގައި ޢާންމުންގެ އެތަކެއް ހާސް ބަޔަކު ތާށި ކޮށްލާފައެވެ.

”މިހާރުގެ ހާލަތު, ޢާންމުން ބޭނުން ކުރާ ޢުމްރާނީ ވަސީލަތްތަކަށް މެދުކެނޑުމެއް ނެތި ޙަމަލާ ދިނުން, އެ ކަމާ ގުޅިގެން ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ދަތުރު ކުރުމަށް, އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވުމަށް ވަނީ ހުރަސް އެޅިފައި, އެއީ ރައްކާތެރި ކަމެއް ނޫން, އަދި ވެކްސިން ޖަހައިދޭ މަރުކަޒުތަކަށް ދަތުރު ކުރުމަކީ ކުޑަކުދިންނާއި ޢާއިލާތަކަށް ރައްކާތެރި ކަމެއް ނޫން،“ ޑަބްލިޔުއެޗްއޯން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިނުދެވިއްޖެ ނަމަ, އެ ސަހަރުގައި ޕޯލިޔޯ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައި ވެސް ޑަބްލިޔުއެޗްއޯން ބުންޏެވެ. ”[ޔަހޫދީ ފައުޖުގެ ޢުދުވާންތަކާ ގުޅިގެން] ޣައްޒާގައި ޕޯލިޔޯ ވައިރަސް އިތުރަށް ފެތުރުމުގެ ފުރުޞަތު ބޮޑުވެ, އަވައްޓެރި ޤައުމުތަކަށް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުވެ, ގިނަ އަދަދެއްގެ ކުދިން ވާގިނެތޭ ބަލި ޖެހުމުގެ ފުރުޞަތު އެބައޮތް،“ ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް ޑަބްލިޔުއެޗްއޯން ހާމަކުރިއެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ގެދޮރުގައި ތާށި ކޮށްލުމަށް އެ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކާއި, ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން މެދުކަނޑައިލުމަށް ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދގެ އިދާރާ (އުންރްވާ)ން ވެސް ވަނީ ގޮވައިލާފައެވެ.
އެ އިދާރާއިން ބުނީ, އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ މީހުންނަށް ކާބޯތަކެތީގެ އިތުރުން އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭސްފަރުވާ ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. "ޙަމަލާތަކުން ސަލާމަތްވާން އުޅޭ މީހުންނަށް ޙަމަލާދީ, [ޔަހޫދީ ފައުޖުން] ދަނީ އެ މީހުން ޝަހީދު ކުރަމުން, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތަކުން މަގުތައް ވަނީ ފުރިފައި،" އުންރްވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވިއެވެ.

ސެޕްޓެންބަރު 1ވަނަ ދުވަހު ފެށި ވެކްސިން ކެމްޕޭންގެ ދަށުން ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައިވާނެ ކަމުގައި އދން ބުންޏެވެ. އެ ކެމްޕޭން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަކި މަރުޙަލާތަކަކަށް ބަހައިލައިގެން, ޣައްޒާގެ ތިން ސަރަޙައްދެއްގައި ވަކިވަކިންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,847އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 100,544 މީހުން ޒަޚަމު ކޮށްލާފައެވެ.