ޚަބަރު

ތުރުކީވިލާތުން ޕީކޭކޭގެ އަމާޒުތަކަށް އިތުރު ޙަމަލާތަކެއް ދީފި


ތުރުކީވިލާތުގެ ވައިގެ އުދުހުންތަކާއި ދިފާޢާ ބެހޭ ކުންފުނި (ޓޫޝާޝް)ގެ މައި މަރުކަޒަށް ދިން ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ގެ އަމާޒުތަކަށް ތުރުކީވިލާތުގެ އަސްކަރިއްޔާއިން އިތުރު ޙަމަލާތަކެއް ދީފިއެވެ. ތުރުކީވިލާތުގެ ވެރިރަށް އަންކަރާއާ 40 ކިލޯމީޓަރު އުތުރުން އޮންނަ ކުޑަ ރަށެއް ކަމުގައިވާ ކަހްރަމަންކަޒާންގައި ހުންނަ ޓޫޝާޝްގެ މައި މަރުޒަކަށް ދިން ޙަމަލާތަކުގައި ފަސް މީހުން މަރައިލައި, އިތުރު 22 މީހުން ޒަޚަމު ކޮށްލިއެވެ. އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ ޕީކޭކެގެ ހަނގުރާމަވެރިން ކަމަށް ތުރުކީވިލާތުން ޤަބޫލު ކުރެއެވެ. ނަމަވެސް, އެއްވެސް ޖަމާޢަތަކުން އެ ޙަމަލާތަކުގެ ޒިންމާ އުފުލާފައެއް ނެތެވެ.

އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ތުރުކީވިލާތުގެ އަސްކަރިއްޔާއިން ވައިގެ ޙަމަލާތައް ދީފައި ވަނީ ޢިރާޤުގެ އުތުރާއި ސޫރިޔާގެ އުތުރުގައިވާ ސަރަޙައްދުތަކުގައި ޕީކޭކޭގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަޙައްދުތަކާއި އަސްކަރީ މަރުކަޒުތަކަށެވެ. ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ, އެންމެ ފަހުގެ ޙަމަލާތަކުގައި ޕީކޭކޭގެ 59 ހަނގުރާމަވެރިން މަރައިލާފައިވާނެ ކަމުގައެވެ.

ކަހްރަމަންކަޒާންގައި ހުންނަ ޓޫޝާޝްގެ މައި މަރުކަޒަށް ދިން ނިރުބަވެރި ޙަމަލާތަކުގައި ބައިވެރިވެފައި ވަނީ ދެ މީހުންނެވެ. އެއީ, އަންހެނަކާއި ފިރިހެނެކެވެ. ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެ ދެ މީހުން މަރައިލާފައިވާނެ ކަމުގައި އެ ޤައުމުގެ ދާޚިލީ ވަޒީރު ޢަލީ ޔައަލިކަޔާ ވިދާޅުވިއެވެ. އަދި, އޭގެ ތެރެއިން ފިރިހެން މީހާއަކީ ޕީކޭކޭގެ މެންބަރެއް ކަން ކަށަވަރު ކުރެވިފައިވާ ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ. ޓޫޝާޝަށް ދިން ނިރުބަވެރި ޙަމަލާގައި ބޮމެއް ގޮއްވައިލައި, އެ ތަނުގެ މުވައްޒަފުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައިވެއެވެ.

ތުރުކީވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކުން ޢިރާޤުގެ 29 އަމާޒަކަށް އަދި ސޫރިޔާގެ 18 ސަރަޙައްދަކަށް ވައިގެ ޙަމަލާތައް ދިނެވެ. ތުރުކީވިލާތުގެ ދިފާޢީ ވަޒީރު ޔަޝާރް ގުލޭޝް ވިދާޅުވީ, އެ ޙަމަލާތަކުގައި މަރައިލާފައިވާ 59 ހަނގުރާމަވެރިންގެ ތެރޭގައި ޕީކޭކޭގެ އިސް ދެ ކޮމާންޑަރުން ހިމެނޭ ކަމުގައެވެ.

ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ, އެމެރިކާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފު)ން ބުނީ, ތުރުކީވިލާތުން ދިން ވައިގެ ޙަމަލާތަކުގައި ޢާންމުންގެ 12 މީހުން މަރުވި ކަމުގައެވެ. އަދި އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށާއި, އިތުރު 25 މީހުން ޒަޚަމުވެފައިވާ ކަމުގައެވެ.

އެސްޑީއެފަކީ ކުރުދީ ވައިޕީޖީ ހަނގުރާމަވެރިން އަޑީގައި ތިބެގެން އުފައްދާފައިވާ ހަނގުރާމަވެރިންގެ ޖަމާޢަތެކެވެ. ޢިރާޤާއި ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރި އައިއެސްގެ ނިރުބަވެރި ފައުޖުތަކާ ދެކޮޅަށް އެމެރިކާއިން އިސްވެ ކުރި ހަނގުރާމައިގައި އެސްޑީއެފުން އިސް ދައުރެއް އަދާކުރިއެވެ. ސޫރިޔާގެ ބިމުން ހަތަރުބައިކުޅަ އެއްބައި ސަރަޙައްދެއް މިހާރު އޮތީ އެސްޑީއެފްގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ބޮޑެތި ތެޔޮ ވަޅުތައް ހުންނަ ސަރަޙައްދުތައް ހިމެނެއެވެ. އެސްޑީއެފްގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުގައި އެމެރިކާގެ 900އެއްހާ އިސްތިޢުމާރީ ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ތުރުކީވިލާތުން ޤަބޫލު ކުރާ ގޮތުގައި އެސްޑީއެފަކީ ޕީކޭކޭއާ ގުޅުން އޮތް ޖަމާޢަތެކެވެ. އެއީ, ތުރުކީވިލާތުގެ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ދެ ޖަމާޢަތެކެވެ. ޕީކޭކޭގެ އަމާޒުތަކަށް ދީފައިވާ ޙަމަލާތަކުގައި, ޢާންމުންގެ ފުރާނައަށް ފާރަވެރިވެފައިވާނެ ކަމަށާއި, ޢާންމުންނަށް ނުރައްކާނުވާނެ ފަދަ ގޮތަކަށް ފިޔަވަޅުތައް އަޅާފައިވާނެ ކަމުގައި ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

"ތުރުކީވިލާތުގެ ސިފައިންގެ އަތްދަށުން ސަލާމަތްވުމަކީ ޖައްބާރު ނިރުބަވެރި ޖަމާޢަތްތަކުގެ މެންބަރުންނަށް ކުރެވޭނެ ކަމެއް ނޫން. [ޓޫޝާޝް]ގެ މައި މަރުކަޒަަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ވަރަށް ބޮޑު ރޭވުމެއްގެ ދަށުން،" ގުލޭޝް ވިދާޅުވިއެވެ. ތުރުކީވިލާތުން އަސްކަރީ މަތިންދާބޯޓުތަކާއި ޑްރޯންތައް ބޭނުން ކޮށްގެން ޕީކޭކޭގެ އަމާޒުތަކަށް ދޭތެރެދޭތެރެއިން ޙަމަލާތައް އަމާޒު ކުރެެއެވެ.

ޓޫޝާޝަކީ އަސްކަރީ މަތިންދާބޯޓާއި, ޑްރޯން އަދި ހެލިކޮޕްޓަރު ފަދަ ހަތިޔާރު އުފައްދާ މައި ކުންފުންޏެވެ. ތުރުކީވިލާތުން އަމިއްލައަށް އުފައްދާފައިވާ އެންމެ ފުރަތަމަ އަސްކަރީ މަތިންދާބޯޓު, ކޭއޭއޭއެން ނުވަތަ ކާންއަކީ ވެސް އެ ކުންފުނީގެ އުފެއްދުމެކެވެ. އެ ކުންފުނީގައި 10,000އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

ޓޫޝާޝްގެ މައި މަރުކަޒަށް ދިން ޙަމަލާތަކާ ގުޅިގެން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, ޓޫޝާޝްގެ މައި މަރުކަޒު ހުންނަ ސަރަޙައްދުގެ އިތުރުން ވެރިރަށް އަންކަރާއާއި އިސްތަންބޫލާއި އަދި ވައިގެ ބަނދަރުތައް ހިމެނެއެވެ.