ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ޙަމާސާ އެކު ފަށައިފި


ފަލަސްޠީިނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ވާހަކަތައް އަލުން ފެށުމާ ގުޅޭ ގޮތުން ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސާއި މިޞްރުގެ މަންދޫބުން މަޝްވަރާ ކޮށްފިއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުންނެވެ. މަޝްވަރާތައް މި ވަގުތު ހުއްޓިފައި އޮތީ, ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަމަށް ހުރަސް އަޅާތީއެވެ.

ޙަމާސާއި މިޞްރުގެ މަންދޫބުންތަކެއް މިޞްރުގެ ވެރިރަށް ޤާހިރާގައި ބައްދަލުވުންތައް ބާއްވާފައިވާ ކަން ހާމަކޮށްފައި ވަނީ މިޞްރުގެ ދައުލަތުން ހިންގާ އަލް ޤާހިރާ ނޫހުގެ ޓީވީންނެވެ. މިޞްރު ސަރުކާރުގެ މަޞްދަރުތަކާ ޙަވާލާދީ އެ ނޫހުން ބުނީ, ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން މިޞްރާއި ޙަމާސްގެ އިސްވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމުގައެވެ.

ޙަމާސުން ބުނީ, ޤާހިރާގައި ބޭއްވި މަޝްވަރާތަކުގައި އެ ޖަމާޢަތް ތަމްސީލު ކުރައްވާފައި ވަނީ އެ ޖަމާޢަތުގެ ވެރިޔާގެ ނައިބު އަދި އިސް ނެގޯޝިއޭޓަރު ޚަލީލް އަލް-ޙައްޔާ ކަމުގައެވެ. މިޞްރުގެ ފަރާތުން މަޝްވަރާތަކުގައި އިސްވެ ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ އެ ޤައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޙަސަން މަޙްމޫދު ރާޝިދެވެ.

މިޞްރުން ޙަމާސްގެ އިސް އޮފިޝަލުންނާ ބައްދަލުކޮށްފައި ވަނީ, ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް ބާރު އެޅުމުގެ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ވެސް ދަނީ, ޣައްޒާ ޢުދުވާންތައް ހުއްޓުވުމުގެ ނަމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް, ޣައްޒާގެ އިތުރުން ލުބްނާންގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ފެށުމަށް ފަހު, މި އަހަރުގެ ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާނަށް ވެސް ބޮންއަޅަން ފަށާފައެވެ. އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ ލުބްނާންގެ ވެރިރަށް ބައިރޫތާއި, ދެކުނުގެ ސަރަޙައްދުތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,847އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 100,544 މީހުން ޒަޚަމު ކޮށްލާފައެވެ.

އަދި, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,483އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 11,628އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.3 މިލިޔަނަށް ވަނީ އުފުލިފައެވެ. އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުމަތީގައި ކަމުގައެވެ.