ޚަބަރު

ލުބްނާނަށް ޙަމަލާދީ ތިން ނޫސްވެރިން ޝަހީދުކޮށްލައިފި


ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި ތިން ނޫސްވެރިން ޝަހީދު ކޮށްލައިފިއެވެ. މިއީ, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މަޢުލޫމާތު ދުނިޔެއަށް ހާމަކޮށް ދިނުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތަކެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރިއެވެ. ލުބްނާންގެ ދެކުނުގެ ރަށަކަށް ނިރުބަވެރި ޙަމަލާތަކެއްދީ, ތިން ނޫސްވެރިއަކު ޝަހީދު ކޮށްލާފައި މި ވަނީ, ޔަހޫދީންގެ ޖަރީމާތައް ހުއްޓައިލުމަށް އެމެރިކާއިން ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ނަމަވެސް, އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ, ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް "އަސްކަރީ ކެމްޕޭނެއް" ހިންގުމަކީ ވޮޝިންގޓަނުން އެދޭ ކަމެއް ނޫން ކަމުގައެވެ. މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ބާރުއެޅުމުގެ ގޮތުން ކަމަށް ބުނެ, އޭނާ ދާދިފަހުން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދަތުރުފުޅެއް ކުރެއްވިއެވެ.

ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ނޫސްވެރިންގެ ތެރޭގައި ޣައްސާން ނައްޖާރާއި މުޙައްމަދު ރިޟާ ހިމެނެއެވެ. އެ ދެ ނޫސްވެރިންނަކީ އަލް-މަޔާދީން ނޫހުގައި މަސައްކަތް ކުރާ ދެ މީހުންނެވެ. ޝަހީދު ކޮށްލާފައިވާ ތިންވަނަ ނޫސްވެރިއަކީ އަލް-މަނާރު ނޫހުގައި މަސައްކަތް ކުރާ ވިސާމް ޤާސިމެވެ. އެ ތިން މީހުން ޝަހީދު ކޮށްލާފައި ވަނީ, ލުބްނާންގައި އެ މީހުން ދިރިއުޅެމުން ދިޔަ ގެސްޓްހައުސަށް ވައިގެ ޙަމަލާތަކެއް ދީގެންނެވެ. ލުބްނާނަށް މީގެ ކުރިން ދީފައިވާ ޙަމަލާތަކުގައި ވެސް އިތުރު ފަސް ނޫސްވެރިން ޝަހީދު ކޮށްލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

"މިއީ, ހަނގުރާމައިގެ ކުށެއް،" ލުބްނާންގެ މަޢުލޫމާތާ ބެހޭ ވަޒީރު ޒިޔާދު މައްކާރީ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ގެސްޓްހައުސަކީ 18 ނޫސްވެރިން ދިރިއުޅެމުން ދިޔަ އިމާރާތެކެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ސްކައި ނިއުސާއި ޤަޠަރުގެ އަލް ޖަޒީރާގެ ނޫސްވެރިން ހިމެނެއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ނޫސްވެރިން ބޭނުން ކުރަމުން ދިޔަ އުޅަނދުފަހަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ދިނެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ އދގެ ސްޕެޝަލް ރެޕޯޓާ އައިރީން ޚާން ވިދާޅުވީ "ގަސްދުގައި ނޫސްވެރިން މެރުމަކީ ހަނގުރާމައިގެ ކުށެއް" ކަމުގައެވެ.

ލުބްނާންގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީ ފައުޖުން އެ ޤައުމަށް ބޮންއަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ޙަމަލާތައް އަމާޒު ކުރަމުން ގެންދަނީ ވެރިރަށް ބައިރޫތާއި އެ ޤައުމުގެ ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު, ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ސިފައިން ފޮނުވައި, ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން އިސްރާއީލުގެ އުތުރުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ޔަހޫދީން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

ޔަހޫދީ ފައުޖުން އަދިވެސް ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތައް ވަށައިލާފައެވެ. އަދި, ދަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫނުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ތާށިކޮށްލައި, އެ ސަރަޙައްދަށް މެދުކެނޑުމެއް ނެތި ޙަމަލާ ދެމުންނެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި 72 މީހަކު ޝަހީދު ކޮށްލައި, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ, ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް ޢަދްވާނީ ހަސްފަތާލުގެ ތެރެއަށް ވަދެ, އެ ތަނުގެ ތެރޭގައި ޤަތުލުޢާންމު ހިންގަމުންދާ ކަމުގައެވެ. އެ ސަރަޙައްދުން ފެންނަނީ ވަރަށް ގޯސް ހާލަތެއްގެ މަންޒަރުތަައް ކަމުގައި ވެސް, ޑަބްލިޔުއެޗްއޯގެ މުވައްޒަފުންނާ ޙަވާލާދީ އެ ޖަމުޢިއްޔާއިން ބުންޏެވެ.

ޔަހޫދީންގެ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުاللهން ވެސް ދަނީ ޔަހޫދީންގެ ރަށްތަކަށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ އުތުރުގައި އޮތް މަޖްދު އަލް-ކުރޫމީއަށެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ޢާންމުންގެ ދެ މީހުން މަރައިލާފައިވާ ކަން ޔަހޫދީ ފައުޖުން ކަށަވަރު ކޮށްދިނެވެ. ޙިޒްބުاللهން ބުނީ, އެ ސަރަޙައްދަށް ޙަމަލާ ދޭން ގިނަ އަދަދެއްގެ މިސައިލް ބޭނުން ކޮށްފައިވާނެ ކަމުގައެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,500އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 11,628އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.3 މިލިޔަނަށް ވަނީ އުފުލިފައެވެ. އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުމަތީގައި ކަމުގައެވެ.