ޚަބަރު

ފަރުވާދޭން ހުރަސްއަޅައި ޣައްޒާގެ ކުޑަކުދިން ޝަހީދު ކުރަނީ: ޔުނިސެފް


ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ ކުޑަކުދިންނަށް ޞިއްޙީ ފަރުވާ ދިނުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމަށާއި, އެ ކަމާ ގުޅިގެން އިތުރު ކުޑަކުދިންތަކެއް ޝަހީދުވަމުންދާ ކަން ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިނުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަަދަދު އެތަކެއް ހާހަކަށް އަރައެވެ.

ޔުނިސެފުން ބުނީ, ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ކުޑަކުދިންނަށް ޞިއްޙީ ފަރުވާ ދިނުމަށް ބޭރު ޤައުމުތަކަށް ގެންދަން ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެއްގަމު މަގުން ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައިގަނެފައި ވަނީ މޭ މަހުއެވެ. އަދި, ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ބަންދު ކުރުމަށް ފަހު, ޞިއްޙީ ފަރުވާ ދިނުމަށް ޣައްޒާގެ ރައްޔިތުން ބޭރު ޤައުމުތަކަށް ގެންދިޔުމަށް ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާފައިވާ ކަމުގައެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވި, ޒަޚަމު ކޮށްލާފައިވާ 300އެއްހާ ކުޑަކުދިން ކުރިން ކޮންމެ މަހަކު ވެސް ބޭރު ޤައުމުތަކަށް ގެންދެވޭ ކަމުގައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން ކުރިމަތި ކޮށްފައިވާ ހުރަސްތަކާ އެކު މިހާރު ޣައްޒާއިން ބޭރަށް ގެންދެވެނީ މަހެއްގެ މައްޗަށް އެންމެ ކުއްޖެއް ކަމުގައެވެ. އަދި, ފަރުވާ ނުލިބި ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދުވަމުންދާ ކަން އޭނާ ހާމަކުރެއްވިއެވެ.

"ޣައްޒާގެ ކުޑަކުދިން ޝަހީދު ކުރަމުން ދަނީ ބޮންތަކާއި ވަޒަންތައް ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތަކުގައި އެކަންޏެއް ނޫން, އެ ކަމާ [ބޭސްފަރުވާއަށް ބޭރު ޤައުމުތަކަށް ގެންދަން ހުރަސް އެޅުމާ] ގުޅިގެން ވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ދަނީ ޝަހީދުވަމުން،" އެލްޑަރ ވިދާޅުވިއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ފަރުވާ ދެވޭނެ ގޮތެއް ޣައްޒާގައި ނެތް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ބޮންތައް ގޮއްވައިލައިގެން, ގެދޮރު ސުންނާތި ކޮށްލައިގެން, ޝަހީދު ކުރަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް, އެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭރު ޤައުމުތަކަށް ގެންގޮސް ފަރުވާދޭން [ޔަހޫދީ ފައުޖުން] ދަނީ ހުރަސް އަޅަމުން،" އޭނާ ވިދާޅުވިއެވެ. ބޭރަށް ގެންދަން އެދިފައިވާ ކުޑަކުދިންނަށް އެ ކަމުގެ ހުއްދަ ދޭން ދެކޮޅު ހަދަމުންދާ ސަބަބު ހާމަ ކުރަން ޔަހޫދީން ދެކޮޅު ހަދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެލްޑަރ ވަނީ, ބޭރަށް ގެންގޮސްގެން ޞިއްޙީ ފަރުވާ ދޭން ޖެހިފައިވާ, ނަމަވެސް ޔަހޫދީ ފައުޖުން އެ ކަމަށް ހުރަސް އަޅާފައިވާ ބައެއް ކުޑަކުދިންނާ ބެހޭ ބައެއް ތަފުސީލުތައް ވެސް ހާމަ ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެއް ކުއްޖަކީ 12 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަޒޫނިޔާއެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ރޮކެޓު ޙަމަލާއެއްގައި މަޒޫނިޔާގެ ޢާއިލާގެ މެންބަރުން ޝަހީދު ކޮށްލާފައިވާއިރު, އޭނާގެ މޫނަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަމުގައި އެލްޑަރ ވިދާޅުވިއެވެ. "މިއީ, 12 އަހަރުގެ މަޒޫނިޔާ. އޭނާއާ އަޅުގަނޑު ބައްދަލު ކުރިން. އެއީ, ވަރަށް ހިތްވަރު ގަދަ ކުއްޖެއް, ނަމަވެސް އޭނާ އެ ދަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ތަޙައްމުލު ކުރަމުން, އަދި އޭނާގެ ޞިއްޙީ ހާލަތު ދަނީ ދަށްވަމުން،" އޭނާ ވިދާޅުވިއެވެ.

އެލްޑަރ ވަނީ ހަތަރު އަހަރުގެ އީލިޔާގެ ޞިއްޙީ ހާލަތު ވެސް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ, ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކެއްގައި އީލިޔާގެ ހަށިގަނޑުގެ ބޮޑު ބަޔެއް ފިހިފައިވާ ކަމަށާއި, ހަސްފަތާލުގައި 43 ދުވަހު އެޑްމިޓު ކޮށްފައި ބާއްވަން ޖެހުނު ކަމުގައެވެ. އޭނާގެ މަންމަގެ ހަށިގަނޑަށް ވެސް ފިހިގެން ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަމަށާއި, އެ އަނިޔާތަކުގައި އީލިޔާގެ މަންމަ ޝަހީދުވެފައިވާ ކަމުގައި އެލްޑަރ ވިދާޅުވިއެވެ. އަދި, އެ ދެމައިން ބޭރު ޤައުމަކަށް ގެންގޮސް ފަރުދާ ދިނުމަށް ކުރި މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,847އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 100,544 މީހުން ޒަޚަމު ކޮށްލާފައެވެ.