ޚަބަރު

ނިރުބަވެރި ޙަމަލާއެއްގެ އިންޒާރު ދިން ނަމަވެސް ޒަޔަނިސްޓު ފަތުރުވެރިން ސްރީ ލަންކާގައި


ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސަރަޙައްދެއް ކަމުގައިވާ ސްރީލަންކާގެ އަރޫގަމް ބޭގައި ނިރުބަވެރި ޙަމަލާތަކެއް ދިނުމުގެ ބިރު އޮތް ކަމުގެ އިންޒާރު ދީފައިވީ ނަމަވެސް އެ ސަރަޙައްދުގައި ޒަޔަނިސްޓު ޔަހޫދީންގެ ގިނަ އަދަދެއްގެ ފަތުރުވެރިން އަދިވެސް ތިބި ކަމުގައި މީޑިޔާތަކުން ރިޕޯޓު ކޮށްފިއެވެ. އަރޫގަމް ބޭއަކީ ޔަހޫދީ ރާޅާއެޅުންތެރިންގެ މެދުގައި މަޤުބޫލު ސަރަޙައްދެކެވެ.

އަރޫގަމް ބޭގައި ތިބި ފަތުރުވެރިންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބިފައިވާ ކަން ހާމަކޮށްފައި ވަނީ ޔަހޫދީ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުންނެވެ. އަދި, އެ ސަރަޙައްދު ދޫކޮށް ރައްކާތެރި ހިސާބަކަށް ބަދަލުވުމަށް އަރޫގަމް ބޭގައި ތިބި ޒަޔަނިސްޓު ދައުލަތުގެ ރައްޔިތުންނަށް އެ މަޖިލީހުން ވަނީ އަންގާފައެވެ.

އަރޫގަމް ބޭގައި ތިބި ފަތުރުވެރިންނަށް އަމާޒުކޮށް ނިރުބަވެރި ޖަމާޢަތަކުން ދޭން ރާވާފައިވާ ޙަމަލާތަކާ ގުޅޭ އިތުރު ތަފުސީލު ޒަޔަނިސްޓު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާއާއި ޖަރުމަނުވިލާތުގެ އެމްބަސީން ވެސް ވަނީ, އެ ސަރަޙައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ސްރީ ލަންކާގައި ތިބި އެ ޤައުމުތަކުގެ ފަތުރުވެރިންނަށް އިރުޝާދު ދީފައެވެ.

އަރޫގަމް ބޭ ސަރަޙައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ޒަޔަނިސްޓު ދައުލަތުގެ ސަރުކާރުން އަންގާފައިވީ ނަމަވެސް, އެ ސަރަޙައްދުގައި އަދިވެސް ގިނަ ޢަދަދެއްގެ ޒަޔަނިސްޓުން ތިބި ކަމުގައި ބައިނަލްއަޤުވާމީ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. މީޑިޔާތަކާ ވާހަކަ ދެއްކި ބައެއް ޔަހޫދީން ބުނީ, އަރޫގަމް ބޭގައި ނުރައްކަލެއް އޮތް ކަމުގެ އިހުސާސް ނުކުރެވޭ ކަމުގައެވެ. އަދި, އެއީ ރައްކާތެރި ރަށެއް ކަމަށް ޤަބޫލު ކުރާ ކަމުގައެވެ.

އަރޫގަމް ބޭއަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދޭން ރާވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަން އެމެރިކާއާއި ޒަޔަނިސްޓުން ހާމަ ކުރުމާ ގުޅިގެން ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. އަދި, ތަޙުޤީޤެއް ފަށައި, ތިން މީހަކު ހައްޔަރުކޮށް ސުވާލު ކުރަމުންދާ ކަމުގައި ސްރީ ލަންކާގެ ފުލުހުން ހާމަކުރިއެވެ.

”އަޅުގަނޑުމެން މި ދަނީ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތައް އަޅަމުން,“ ސްރީ ލަންކާގެ ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލްދުވަ ވިދާޅުވިއެވެ. އަރޫގަމް ބޭ ސަރަޙައްދުގައި 500އަށްވުރެ ގިނަ ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ފޯރިމަރަމުންދާ ކަމުގައި ސްރީ ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ.

އަރޫގަމް ބޭގެ އޮފިޝަލުން ބުނީ, ކޮންމެ އަހަރެއްގެ ސެޕްޓެންބަރާއި އޮކްޓޫބަރާ ދެމެދު 600އާއި 700 ދެމެދު އަދަދެއްގެ ޔަހޫދީ ފަތުރުވެރިން އެ ސަރަޙައްދަށް ޒިޔާރަތް ކުރާ ކަމުގައެވެ. އަދި, އެ ސަރަޙައްދުގައި ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމުގެ އިންޒާރު ދިނުމުގެ ކުރިން އެ އަދަދާ ގާތްކުރާ އަދަދަކަށް ޒަޔަނިސްޓު ފަތުރުވެރިން ތިބި ކަމުގައެވެ. ނަމަވެސް, އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެހެން ސަރަޙައްދުތަކަށް ގޮސްފައިވާ ކަމަށާއި, އޮކްޓޫބަރު 25އާ ޖެހެންދެން އޭގެ ތެރެއިން 20 މީހުން މަޑުކުރި ނަމަވެސް, މި ވަގުތު ބާކީ ތިބީ އެންމެ ތިން ވަރަކަށް ފަތުރުވެރިން ކަމުގައި ވެސް އެ ސަރަޙައްދުގެ އޮފިޝަލުން ހާމަކުރިއެވެ.

އަރޫގަމް ބޭގައި ނިރުބަވެރި ޙަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޒާރު ދީފައިވާއިރު, 2019ވަނަ އަހަރު ނިރުބަވެރި ޖަމާޢަތަކުން ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވެއެވެ. ނަޞާރާދީނަށް ތަބާވާ މީހުންގެ ފައްޅިއަކާއި ހޮޓާތަކަކަށް އަމާޒުކޮށް ދިން އެ ޙަމަލާތަކުގައި 267 މީހުން މަރައިލިއެވެ. އޭގެ ތެރޭގައި ބޭރު ޤައުމުތަކުގެ 45 މީހުން ހިމެނެއެވެ. އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ ނިރުބަވެރިންގެ ޖަމާޢަތެއް ކަމުގައިވާ އައިއެސެވެ.