ރާއްޖޭގައި ދަފްތަރު ކުރެވިގެން މަސައްކަތް ކުރާ ދަނޑުވެރިންގެ %57 އަކީ އަންހެން ދަނޑުވެރިންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25 އަށް ކުރިއަށް ގެންދިޔަ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން ''ސީ އެފް އެސް ގައިޑްލައިންސް އޮން ޖެންޑަރ އީކުއަލިޓީ އެންޑް ވިމެން އެންޑް ގާލްސް އެމްޕަވަރމަންޓް" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
މި ފޯރަމްގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ވަނީ ދަނޑުވެރިކަމާއި، ކާނާގެ ނިޒާމު ފުރިހަމަ ކުރުމުގައި އަންހެނުން އަދާކުރާ ދައުރު އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، ގޯތިތެރޭގައި ގަސްހެއްދުމާއި، ދަނޑުވެރިކަމުގެ ބާވަތްތަކުން ކާބޯތަކެތި އުފައްދައި ވިއްކުމާއި، ޚާއްޞަކޮށް ދަނޑުވެރިކަމުގައި އަންހެނުން ދަނީ މިހާރުވެސް މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ދަފްތަރު ކުރެވިގެން މަސައްކަތް ކުރާ ދަނޑުވެރިންގެ %57 އަންހެން ދަނޑުވެރިންކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަންނީ އަދި މާލީ ވަޞީލަތްތައް ލިބިގަތުމުގަޔާއި ކާނާ އުފެއްދުމުގެ ނިޒާމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގެ ފުރުޞަތު އަންހެނުންނަށް ފަހިކޮށްދިނުމަށް ޔޫ.އެ.ން.ޑީ.ޕީ، އިފާޑް ފަދަ ބައިނަލްޢަޤްވާމީ ޖަމްޢިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޑރ. ރަމީލާ ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، ދަނޑުވެރިކަމާއި ކާނާގެ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިމަތިވާ މައިގަނޑު އެއް ގޮންޖެހުމަކަށްވަނީ މާލީ އެހީތެރިކަން ހޯދުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކަމަށެވެ.
އެގޮތުން މިކަމަށް އެދެވޭ ޙައްލެއް ހޯދުމުގެ މަޤްޞަދުގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ %30 އަންހެން ދަނޑުވެރިންނަށް ޚާއްޞަކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، އަންހެނުން ބާރުވެރިކުރުމަށް އެކުލަވާލާފައިވާ ޤައުމީ ސިޔާޞަތުތަކުގެ ދަށުން، ޙާލަތު ބަދަލު ކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް، ޤައުމީ މުހިންމު ކަންކަމުގައި ބަސްބުނުމާއި ގޮތް ނިންމުމުގެ އިތުރުން، އިޤްތިޞާދީ ފުރުޞަތުތައް ލިބިގަތުމަށާއި މާލީ، ފަންނީ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަންހެނުން އަދިވެސް ފަސްޖެހޭ މަންޒަރު ފެންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގައި އެންމެންގެ ބައިވެރިވުން ހިމެނޭ، ހަރުދަނާ އަދި ހަމަހަމަ ކާނާގެ ނިޒާމެއް ޤާއިމްކުރުމުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަމައެކަނި ބައިވެރިވާ ބަޔަކަށް ވުމުގެ ބަދަލުގައި އިސްނަގައިގެން ޤައުމުގެ ކާނާގެ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި އިސް ސަފުގައި ވަކާލާތުކޮށް، މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކުރަމުން ގެންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވިއެވެ.