ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި ހުންނަ މައި އެއް ހަސްފަތާލު ކަމުގައިވާ ކަމާލް ޢަދްވާނީ ހަސްފަތާލަށް ރޭޑުޖަހައި, އެ ތަނުގެ ތެރޭގައި ޤަތުލުޢާންމު ހިންގުމަށް ފަހު ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ބަލިމީހުން ހައްޔަރު ކޮށްފިއެވެ. ޔަހޫދީ ފައުޖުން އެ ހަސްފަތާލަށް ރޭޑުޖަހާފައި ވަނީ, ޣައްޒާގެ އުތުރުގެ ރަށްތަކުގައި މި ވަގުތު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ. އެ ސަހަރުގެ އުތުރުގެ ރަށްތައް ވަށައިލައި, ބަންދުކޮށްލުމަށްފަހު, ރަށްތަކުގައި ތާށި ކޮށްލާފައިވާ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދަނީ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ.
އެ ސަރަޙައްދުގައި ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން މީގެ ކުރިން ވެސް ޔަހޫދީ ފައުޖުން ވަނީ އެ ހަސްފަތާލަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ހަސްފަތާލަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރާއި, އޮކްސިޖަން ސްޓޭޝަނަށް ގެއްލުންވެ, އެ ތަނުގެ އިންޓެންސިވް ކެއާ ޔުނިޓުގައި ފަރުވާދެމުން ދިޔަ ދެ ކުޑަކުދިން ޝަހީދުވެފައިވާ ކަމުގައި އެ ހަސްފަތާލުގެ އޮފިޝަލުން ހާމަކުރިއެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ހަސްފަތާލަށް ރޭޑުޖެހުމަށް ފަހު އެ ތަނުގައި މަސައްކަތް ކުރާ 44 ޞިއްޙީ ޚިދުމަތްތެރިން ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމުގައެވެ. އަދި, އެ ތަނުން ފަރުވާ ހޯދަމުން ދިޔަ ބައެއް ބަލިމީހުން ވެސް ހައްޔަރު ކޮށްފައިވާ ކަމުގައެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އެ ހަސްފަތާލުގެ ވެރިޔާ ޙުސާމް އަބޫ ޞަފިއްޔާ ހިމެނެއެވެ. ނަމަވެސް, އޭނާގެ އިތުރުން 13 މީހަކު ފަހުން ވަނީ ދޫކޮށްލާފައެވެ.
ޔަހޫދީ ފައުޖުން ކަމާލް ޢަދްވާނީ ހަސްފަތާލަށް ރޭޑުޖެހި ވަގުތު އެ ތަނުގައި 600އެއްހާ މީހުން ތިއްބެވެ. އޭގެ ތެރޭގައި ގިނައީ ބަލިމީހުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުންނެވެ. އެއީ, 70އެއްހާ ޞިއްޙީ ޚިދުމަތްތެރިން މަސައްކަތް ކުރާ ހަސްފަތާލެކެވެ. ”ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކާއި, ރޭޑުޖެހުމާ ގުޅިގެން އެ ތަނުގައި ތިބި ބަލި މީހުންގެ ފުރާނައަށް ވަނީ ނުރައްކާވެފައި،“ ޣައްޒާގެ ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލެއް ކަމުގައިވާ މަރްވާން އަލް-ހަމްޞު ވިދާޅުވިއެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫނަށް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އޭގެ ތެރެއިން ބަޔިތު ލާޙިޔާގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި 45އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އެއާއެކު, މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ޣައްޒާގެ އުތުރުގެ ރަށްތަކުގައި ފެށި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 600އަށް އުފުލިފައެވެ.
ޔަހޫދީންގެ ޤަތުލުޢާންމާ ގުޅިގެން ޣައްޒާގެ އުތުރުގެ ރަށްތަކުގައި ތާށިވެފައިވާ މީހުންނަށް ވަރަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެފައިވާ ކަމުގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައިސީއާރްސީ)ން ހާމަކުރިއެވެ. އަދި, ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން ބޭނުންވާ މީހުންނަށް ހުރަސް އެޅުން ހުއްޓައިލުމަށް އައިސީއާރްސީން ވަނީ ޔަހޫދީންނަށް ގޮވައިލާފައެވެ. ”[އެ ރަށްތައް] ހުސް ކުރަން އެންގުމަށް ފަހު, ޒަރޫރީ ސާމާނު އެތެރެ ކުރަން ހުރަސް އެޅުމުން, އެ ސަރަޙައްދުގައި ތާށިވެފައިވާ ޢާންމު ރައްޔިތުންނަށް ވަނީ ވަރަށް ބިރުވެރި ހާލަތާ ކުރިމަތިލާން ޖެހިފައި،“ އެ ޖަމުޢިއްޔާއިން ނެރުނު ބަޔާނެއްގައި ހާމަކުރިއެވެ. ”ހަސްފަތާލުތައް ހުސް ކުރަން އެންގުމުން ޞިއްޙީ ފަރުވާ ދެވޭނެ އެއްވެސް ގޮތެއް ނެތި ބަލިމީހުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުން އެ ތަނުގައި ތާށިވި.“
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ބިސްމު ނަޢީމް ވިދާޅުވީ, ކަމާލް ޢަދްވާނީ ހަސްފަތާލަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ރޭޑު ޖެހުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ކުށެއް ކަމުގައެވެ. އަދި, އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށްތައް ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ހުޅަނގުގެ ވާތްގާއި ޙިމާޔަތާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެސް ޔަހޫދީ ފައުޖުން ދަނީ ޤަތުލުޢާންމުތައް ހިންގަމުންނެވެ. އޮކްޓޫބަރު 26ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ޠުލްކަރްމުގައި ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި ޙަމާސްގެ މެންބަރެއް ޝަހީދު ކޮށްލިއެވެ. ޙަމާސުން ބުނީ, އިސްލާމް ޖަމީލް ޢޫދަތު ޝަހީދު ކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމުގައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,847އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 100,544 މީހުން ޒަޚަމު ކޮށްލާފައެވެ.