ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ސިފައިން ދިން ޙަމަލާތަކެއްގައި ޢާންމުންގެ 124 މީހުން މަރުވެއްޖެއެވެ. އާރްއެސްއެފުން ޙަމަލާ ދީފައި ވަނީ އަލް-ޖަޒީރާ ސްޓޭޓްގައި ޢާންމުން ދިރިއުޅޭ އަވަށެއް ކަމުގައިވާ އަލް-ޞަރީޙަތަށެވެ. މިއީ, ހުސްވި އަހަރު ސޫދާންގައި ދާޚިލީ ހަނގުރާމަ ފެށި ފަހުން, ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ދީފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ޙަމަލާތަކެވެ. އާރްއެސްއެފްގެ ޙަމަލާތަކުގައި ޢާންމުން 100އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ހާމަކުރިއެވެ.
އާރްއެސްއެފުން އަލް-ޞަރީޙަތަށް ޙަމަލާދީ, ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައި މި ވަނީ, އެ ފައުޖުގެ އިސް އޮފިސަރެއް ކަމުގައިވާ އަބޫއަޣްލަތު ކީކާލް އަމާންދީ އަސްކަރިއްޔާގެ ސިފައިންނާ ހަވާލުވުމާ ގުޅިގެން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މިއީ, އާރްއެސްއެފްގެ ސިފައިން އަލް-ޖަޒީރާ ސްޓޭޓްގެ އަވަށްތަކަށް ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އާރްއެސްއެފްގެ ސިފައިން މީގެ ކުރިން ވެސް އެ ސްޓޭޓްގެ އަވަށްތަކަށް އަރައި ލޫޓުވުން ފަދަ ކުށްތައް ހިންގައި, ޢާންމުންނަށް ޙަމަލާދީ ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާ ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ހާމަކުރިއެވެ.
ސޫދާންގައި ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ އާރްއެސްއެފްގެ ފައުޖުތަކުން 2023ވަނަ އަހަރުގެ އޭޕްރިލް މަހު ވެރިރަށް ޚަރްޠޫމަށް އަރައިގަތުމާ ގުޅިގެންނެވެ. ސޫދާންގެ 18 ސްޓޭޓެއްގެ ތެރެއިން 14 ސްޓޭޓެއްގައި އަސްކަރިއްޔާއާއި އާރްއެސްއެފްގެ ފައުޖުތަކުން މި ވަގުތު ދަނީ ހަނގުރާމަ ކުރަމުންނެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ ޤައުމުގައި ވެރިކަން ކޮށްފައި ވަނީ އަސްކަރިއްޔާއާއި އާރްއެސްއެފުން ގުޅިފައިވާ ސަރުކާރަކުންނެވެ. އެ ދެ ފަރާތުން ވެރިކަން ފޭރިގަނެފައި ވަނީ އަސްކަރީ ބަޣާވާތަކުން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމަށް ފަހުއެވެ.
ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 10 މިލިޔަން މީހުންނަށް ވަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ. ދާޚިލީ ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ހުސްވެ, އެ ޤައުމުގެ ޢާންމު ރައްޔިތުން ވަނީ ހައިހޫނުގައި ޖެހިފައެވެ.
ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން އެ ޤައުމުގެ އަސްކަރިއްޔާއާއި އާރްއެސްއެފްގެ ފައުޖުން ލާއިންސާނީ ޖާރީމާތައް ހިންގަމުންދާ ކަން އދން ދާދި ފަހުން ހާމަކޮށްފައިވެއެވެ. އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ ވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވީ ކުށެއް ނެތް ޢާންމުން ޤަތުލު ކުރުމާއި, ޖިންސީ އަނިޔާ އަދި އަންހެނުންނާއި ޅަ އުމުރުގެ ފިރިހެން ކުދިން ވަގަށް ގެންދިޔުން ފަދަ ލާއިންސާނީ އަނިޔާތައް ސޫދާންގައި ޢާންމުވެފައިވާ ކަމުގައެވެ.