ޚަބަރު

ސަޢުދީއަށް ކަނޑައަޅުއްވާ ސަފީރަކަށް ސަރީރު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި


  • ސަޢުދީގައި ހުންނަ ސަފީރަކަށް ސަރީރު ކަނޑައަޅަން މަޖިލީހަށް ނަން ފޮނުވާފައިވަނީ މިމަހު

  • ސަރީރުވަނީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައި

ދިވެހިރާއްޖެއިން ސަޢުދިއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އަޙްމަދު ސަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އަޙްމަދު ސަރީރަކީ ދިވެހިރާއްޖެއިން ސަޢުދިއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އެކަށީގެންވާ ފަރާތެއްކަމަށް ފެންނަކަމަށް ކަނޑައެޅުމަށް ހުށައެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާނެވެ. މި ހުށައެޅުމަށް ތާޢީދުކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދެވެ. މި ހުށައެޅުން ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

ދިވެހިރާއްޖެއިން ސަޢުދިއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އަޙްމަދު ސަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އަހުމަދު ސަރީރު މިހާރު ހުންނެވީ ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ. އޭނާ އެންމެ ފަހުން ހުންނެވީ އޯގަނައިޒޭޝަން އިފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓަރ އޮފް އޭޝިއަން އެފެއަރސްގެ މަޤާމުގައެވެ.

އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކުގަޔާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

އެގޮތުން ޚާރިޖީ ވުޒާރާގެ ފޮރިން ސެކްރެޓަރީގެ މަޤާމާއި، އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މީގެއިތުރުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަޤާމާއި، އެމެރިކާ، ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގެ އިތުރުންވެސް ޚާރިޖިއްޔާގެ އެހެނިހެން އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައިވެއެވެ.