ޚަބަރު

"ޖަލުތެރެއިން ސްކޭމް ކޯލްކުރާ މިންވަރު މަދު ކުރެއްވިއްޖެ، ޖިއޯ-ފެންސިންގއާއެކު ޖުމްލަ ހައްލެއް ލިބޭނެ"


  • ޖަލު އޮފިސަރުން ޗެކްކުރުމަށް ފުލް ބޮޑީ ސްކޭނަރެއް ގެންނަނީ

  • ޖައްލަށް ފޯނު ވައްދާ 19 އޮފިސަރަކު ހައްޔަރުކޮށް ވަނީ ފިޔަވަޅު އަޅާފައި

ޖަލު ތެރެއިން ސްކޭމް ކޯލުކުރާ މިންވަރު މިހާރު މަދުކުރެވިފައިވާކަމަށާއި، ޖިއޯ-ފެންސިންގ ހަދައި ޖަލުތެރޭގައި ފޯނު ނުކުރެވޭގޮތް ހެދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޖަލު އޮފިސަރުން ޖަލަށް ފޯނު ވައްދާކަމުގެ ތުހުމަތުގައި ހިންގި ޙާއްސަ އޮޕަރޭޝަނުގެ ތެރެއިން ޤައިދީން ގެންގުޅުނު ގިނަ އަދަދެއްގެ ފޯނުތައް ނަގާފައިވާކަމަށެވެ. އެއާއެކު ޖަލުތެރެއިން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޖަލުތެރެއިން ކުރާ ސްކޭމްކޯލްތައް މަދުކުރެވިފައިވީނަމަވެސް، ޖަލުތެރެއިން އެފަދަ އަމަލުތައް ހިންގުމުގެ ފުރުޞަތު ނުދިނުމަށް މުހިއްމު ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. އެގޮތުން ޖިއޯ-ފެންސިންގ ހަދައި ޖަލުތެރޭގައި ފޯނު ނުކުރެވޭގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރު ބަދަލުވިއިރު، ޖަލު އޮފިސަރުން ޖަލަށް ވަދެގެންދާއިރު އެއްވެސް ވަރަކަށް ސްކޭން ނުކުރާކަން ފާހަގަކުރައްވަމުން ދާޚިލީ ވަޒީރު ވިދާޅުވީ ޖަލައްވައްދާ ތަކެތި ދެނެގަތުމަށް ވަގުތީ މެޓަލް ޑިޓެކްޓަރެއް ހަރުކުރެވިފައިވާކަމަށެވެ. އަދި ޖަލަށް ފުލްބޮޑީ ސްކޭން މެޝިނެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި މިހާރު ކުރެވޭ މަސައްކަތްތަކާއެކު ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޭމް ކޯލްތަކާއި ގުޅިގެން ފުލުހުންވެސް ޚާއްސަ ފިޔަވަޅުތަކެއް އަަޅަމުންދާއިރު، މިފަދަ މައްސަލަތަކާއި ގުޅިގެން ހިންގޭ އޮޕަރޭޝަންތަކަށްވެސް ކުރިއެރުންތަކެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރު ފުލުހުންގެ ޚިދުމަތުގައިވެސް ސްކޭމްގެ ކުށްތައް ހުއްޓުވަން ހުންނާނީ ފުލުހުންގެ ޚިދުމަތުގައި ޚާއްސަ ޑިޕާޓްމަންޓެއް ހަދާފައި. މިހާރު ސްކޭމްގައި ގެއްލޭ ފައިސާ ކުރިއަށްވުރެ އަވަހަށް ހޯދޭ." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ތަފާތު އިދާރާތަކާއި، އެފަދަ ތަންތަނުން ހިންގާ މަޝްރުޢުތަކާއި ޕްރޮމޯޝަންތަކުގެ އިތުރުން އެކި ހަރަކާތްތައް ހިންގުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމްކޯލްތައް ކުރެއެވެ. އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތައް ނުވަތަ ސްކޭމުގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.