ޚަބަރު

ޒަޔަނިސްޓު އިސްރާއީލަށް ދަތުރުކުރި ތިން އާގުބޯޓަކަށް ޙޫޘީން ޙަމަލާދީފި


ޒަޔަނިސްޓު އިސްރާއީލަށް މުދާ ހިފައިގެން ދަތުރު ކުރަމުން ދިޔަ ތިން އާގުބޯޓަކަށް ޙޫޘީން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޙޫޘީންނަކީ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެކެވެ. އެ ޖަމާޢަތުން ޙަމަލާ ދީފައި ވަނީ ރަތް ކަނޑާއި ޢަރަބި ކަނޑުން ދަތުރު ކުރަމުން ދިޔަ ބޯޓުތަކަކަށެވެ.

ޔަހޫދީންނާ ދެކޮޅަށް ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީން ފެށި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ, ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އުޅަނދުތަކަށެވެ. އަދި, ޒަޔަނިސްޓުންގެ ދައުލަތަށް މުދާ ގެންދާ އާގުބޯޓުފަހަރަށެވެ. މީގެ އިތުރުން, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުންގެ ތެރޭގައި ހިމެނޭ އެމެރިކާއާއި އިނގިރޭސިވިލާތާ ގުޅުން އޮތް އާގުބޯޓުފަހަރާއި އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ޤާސިމް ސަރީޢު ވިދާޅުވީ, ރަތް ކަނޑާއި ޢަރަބި ކަނޑުން އިސްރާއީލަަށް މުދާ ހިފައިގެން ދަތުރު ކުރަމުން ދިޔަ ތިން އާގުބޯޓަކަށް ޙަމަލާ ދީފައި ވަނީ, ކަނޑުމަގުން އިސްރާއީލަށް މުދާ އެތެރެ ކުރުން ހުއްޓުވުމުގެ ގޮތުން ޙޫޘީން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކަމުގައެވެ. އަދި, އެ ތިން އުޅަނދަށް ޙަމަލާ ދީފައި ވަނީ އިސްރާއީލުގެ ބަނދަރުތަކަށް ކައިރިކުރަން މަސައްކަތް ކުރުމުން ކަމުގައެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ އެއް އުޅަނދަކީ މޮޓާރޯގެ ނަން ދީފައިވާ އާގުބޯޓެކެވެ. އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ މިޞްރުގެ ސުވަޔިސް މަގު ހުރަސްކޮށް ޗައިނާގެ ޝެންގހާއީއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ދެވަނަ އުޅަނދަކީ ސެއިޝެލްސްގެ ވިކްޓޯރިޔާ ބަނދަރުން ފުރައިގެން އޮމާނުގެ ޞިލާލަތަށް ދަތުރު ކުރަމުން ދިޔަ އެސްސީ މޮންޓްރެއާލެވެ. އެ ޢުޅަނދަށް ޙަމަލާ ދީފައި ވަނީ ޢަރަބި ކަނޑުން ދަތުރު ކުރަނިކޮށެވެ. ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ތިންވަނަ އުޅަނދަކީ މެޔާސްކް ކަވްލޫނެވެ. ޞިލާލަތަށް ދަތުރު ކުރަމުން ދިޔަ އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ އިންޑިޔާ ކަނޑުގެ ހުޅަނގު ފަޅިންނެވެ.

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށް ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުނި, އެމްބްރޭން ބުނީ ޔަމަނުގެ އަލް-ޟަބާބުގެ ހުޅަނގުދެކުނުން 14 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކައިރިން ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމުގައެވެ. ކަނޑުމަގުން ކުރާ ވިޔަފާރިއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ން ބުނީ, ޔަމަންގެ ބަނދަރުމަތީ ރަށް މޫކާގެ ދެކުނުން 25 ނޯޓިނަލް މޭލު ދުރުން ދަތުރު ކުރަމުންދިޔަ އުޅަނދެއް ކައިރިން ބާރުގަދަ ތިން ގޮވުން ގޮވާފައިވާ ކަމުގައެވެ. އެ ހާދިސާގައި އެ އުޅަނދުގެ އެއްވެސް ފަޅުވެރިއަކަށް, އަދި އުޅަނދަށް ވެސް ގެއްލުމެއް ލިބިފައިވާ ނުވާ ކަމުގައި ޔޫކޭއެމްޓީއޯން ބުންޏެވެ.

ރަތް ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދިނުމުގެ އިތުރުން ހޫޘީންނާއި ޢިރާޤުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤު ގުޅިގެން އިސްރާއީލުގެ ބަނދަރެއްގައި އޮތް ހަތަރު އާގުބޯޓަކަށް ވެސް ދާދިފަހުން ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ. އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޖުލައި މަހު ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ ޚައިފާ ބަނދަރުގައި އޮތް އާގުބޯޓުތަކަށެވެ.

ޔަމަންގެ އައްސޭރިފަށުގައި ޙޫޘީން ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން, ރަތް ކަނޑުގެ ސަރަޙައްދަށް އެ ދެ ޤައުމުން ވަނީ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. އަދި, ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅަމުންނެވެ.