ޚަބަރު

އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއަށް ޙަމަލާ ދިނުމުގެ ހުއްދަ ޔޫކްރެއިނަށް ދީފާނެ ކަމުގެ އިޝާރާތެއް


ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އުތުރު ކޮރެޔާގެ ސިފައިން ބައިވެރިކުރަން ފަށައިފި ނަމަ, އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުން ކުރުމުގައި ޔޫކްރެއިނަށް ކުރިމަތި ކޮށްފައިވާ ހުރަސްތައް ނައްތައިލާނެ ކަން އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ހާމަކޮށްފިއެވެ. އެމެރިކާއިން މި ކަން ހާމަކޮށްފައި މި ވަނީ, ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުތައް ބޭނުން ކުރުމަށް ހުއްދައަށް އެދި ޔޫކްރެއިނުން އާދޭސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހުޅަނގުގެ ބާރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އެކުލަވައިލާފައިވާ ދިފާޢީ އިއްތިޙާދު, ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)ން ބުނީ, އުތުރު ކޮރެޔާގެ ސިފައިން މިހާރު ވެސް ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިން ސިފައިންގެ ލަޝްކަރަކުން ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ކޫރްސްކަށް އަރައިގަނެފައެވެ. އަދި, އެ ސަރަޙައްދުގެ އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ.

އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުން ދަނީ ގިނަ ޝަރުޠުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި, ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިނުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާއިން ފޯރުކޮށްދޭ ދުރު-ރާސްތާ ހަތިޔާރު ބޭނުން ކުރުން މަނާ ކުރުން ހިމެނެއެވެ. ނަމަވެސް, އެ ކަމުގެ ހުއްދަ ހޯދަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި, ޔޫކްރެއިނަށް ހަނގުރާމަ ކާމިޔާބު ކުރެވޭނީ, ރަޝިޔާގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތެއް ދީގެންނެވެ.

"ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ބަދަހި ކުރަމުންދާ އަސްކަރީ ގުޅުންތަކަކީ އިންޑޯ-ޕެސިފިކް އަދި ޔޫރޯ-އެޓްލާންޓިކް ސަރަޙައްދުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް," ނޭޓޯގެ ސެކްރެޓަރީ-ޖެނެރަލް މާކް ރުތޭ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, އުތުރު ކޮރެޔާއިން ރަޝިޔާއަށް ސިފައިން ފޮނުވުމަކީ "ވަރަށް ނުރައްކާތެރި" ކަމެއް ކަމުގައެވެ. ހުސްވި ހަފުތާގައި ޕެންޓެގަނުން ބުނީ, އުތުރު ކޮރެޔާގެ 3,000 ސިފައިން ހިމެނޭ ލަޝްކަރެއް ރަޝިޔާއަށް ފޮނުވާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައެވެ. ޕެންޓެގަނުން މިހާރު ބުނަނީ, އުތުރު ކޮރެޔާގެ 10,000އެއްހާ ސިފައިން ރަޝިޔާގައި ތިބި ކަމުގައެވެ.

"އޭގެ ތެރެއިން ބައެއް ސިފައިން ވަނީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ދަތުރު ކޮށްފައި, ރަޝިޔާއިން [އުތުރު ކޮރެޔާގެ] ސިފައިންގެ ބޭނުން ހިފަން ފަށާނެ ކަމާއި, ކޫރްސްކް ސަރަޙައްދުގައި ތިބި ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި [އުތުރު ކޮރެޔާގެ] ސިފައިންގެ އެހީތެރިކަން ހޯދަން ފެށުމާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ," ޕެންޓެގަންގެ ތަރުޖަމާނު ސެބްރީނާ ސިންގ ވިދާޅުވިއެވެ.

އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާގައި ތިބި ކަމަށް ބުނެ އެމެރިކާއާއި ޔޫކްރެއިނުން ކުރަމުންދާ ތުހުމަތުތައް ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނުން ކުރިން ދޮގު ކުރިއެވެ. ނަމަވެސް, ދާދިފަހުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވީ, ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ގުޅުން ބަދަހި ކުރުމަކީ އެ ދެ ޤައުމުގެ އަމިއްލަ ކަމެއް ކަމުގައެވެ.

ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިނުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާއާއި އެމެރިކާގެ މަދަދުގާރުން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުން ކުރުމާ ދެކޮޅަށް ވެސް އޭނާ އިންޒާރު ދެއްވިއެވެ. އަދި, އެެއީ ނޭޓޯއިިން ހަނގުރާމައިގައި ބައިވެރިވެ, ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމާ އެއްފަދަ އަމަލެއްގެ ގޮތުގައި ބަލާނެ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. ރަޝިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ހޯދަން ޔޫކްރެއިނުން މަސައްކަތް ކުރަމުންދާތާ އެތަކެއް މަހެއް ފާއިތުވެއްޖެއެވެ. ނަމަވެސް, އެމެރިކާއިން އެ ކަމަށް ހުއްދަ ދީފައެއް ނެތެވެ.