ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާގެ މަޤާމަށް އަލް-ޝައިޚް ނަޢީމް ޤާސިމް ޢައްޔަން ކުރުމާ އެކު, އޭނާ ޝަހީދު ކޮށްލާނެ ކަމުގެ އިންޒާރު ޔަހޫދީން ދީފިއެވެ. ޙިޒްބުاللهގެ ވެރިޔާގެ މަޤާމަށް 71 އަހަރުގެ ޤާސިމް ޢައްޔަން ކޮށްފައި ވަނީ އެ ޖަމާޢަތުގެ ޝޫރާ މަޖިލީހުންނެވެ. އޮކްޓޫބަރު 29ވަނަ ދުވަހު އެކަން އިޢުލާނު ކުރުމާ އެކު, އޭނާ ޝަހީދު ކޮށްލާނެ ކަމުގެ އިންޒާރު ޔަހޫދީން ދިނެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ބުނީ, ޙިޒްބުاللهގެ ވެރިޔާގެ މަޤާމު ޤާސިމް އަދާ ކުރައްވާނީ "މަދު ދުވަސްކޮޅަކަށް, ވަގުތީ ގޮތުން" ކަމުގައެވެ. މިއީ, އޭނާ ޝަހީދު ކޮށްލަން ނިރުބަވެރި ޔަހޫދީން މަސައްކަތް ފަށާފައިވާ ކަމުގެ އިންޒާރެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
1991ވަނަ އަހަރުން ފެށިގެން ޙިޒްބުاللهގެ ވެރިޔާގެ ނައިބުގެ މަޤާމު ފުރުއްވަމުން ގެންދަވާފައި ވަނީ ޤާސިމެވެ. އޭނާ އެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ޙިޒްބުاللهގެ ކުރީގެ ވެރިޔާ ޣައްބާސް އަލް-މޫސަވީއެވެ. މޫސަވީ ޝަހީދު ކޮށްލާފައި ވަނީ 1992ވަނަ އަހަރު ޔަހޫދީ ފައުޖުގެ އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުން ކޮށްގެން ދިން ނިރުބަވެރި ޙަމަލާއެއްގައެވެ.
ޙަމާސްގެ ވެރިޔާގެ މަޤާމަށް ޤާސިމް ޢައްޔަން ކޮށްފައި މި ވަނީ, އެ މަޤާމު ފުރުއްވަމުން ގެންދެވި އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލުމުންނެވެ. ނަޞްރުالله ޝަަހީދު ކޮށްލާފައި ވަނީ, ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ސެޕްޓެންބަރު 27ވަނަ ދުވަހު ވެރިރަށް ބައިރޫތަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައެވެ.
ނަޞްރުاللهއަށް ފަހު ޙިޒްބުاللهގެ ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާނެ ކަމަށް ކުރިން ބެލެވިފައި އޮތް ހާޝިމް ޞަފީއްދީން ވެސް ޔަހޫދީ ފައުޖުގެ ޙަމަލާތަކެއްގައި ވަނީ ޝަހީދު ކޮށްލާފައެވެ. ފާއިތުވި އަހަރުތަކުގައި ޙިޒްބުاللهގެ މައި ތަރުޖަމާނުގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ ޤާސިމެވެ. އޭނާއަކީ, ބޭރުގެ މީޑިޔާތަކާ ރަޙުމަތްތެރި, ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ. ނަޞްރުالله ޝަހީދުކޮށްލި ފަހުން ވެސް ޤާސިމް ތިން ފަހަރެއްގެ މަތިން ޓީވީ މެދުވެރިކޮށް ލުބްނާނުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާފައިވެއެވެ.
ލުބްނާނުގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި ޤާސިމަކީ ނަޞްރުالله ފަދަ ދޫހެލޭ ބޭފުޅެއް ނޫނެވެ. ނަމަވެސް, ނަޞްރުالله ޝަހީދު ކޮށްލުމާ ގުޅިގެން ޓީވީ މެދުވެރިކޮށް ލުބްނާނުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމާ ގުޅޭ ގޮތުން ޔަހޫދީންނާ އެކު މަޝްވަރާކޮށް, ސިޔާސީ ޙައްލެއް ހޯދަން ބޭނުންފުޅުވާ ކަން ހާމަކުރައްވާފައެވެ.
ޙިޒްބުاللهގެ ވެރިކަމާ ޤާސިމް ޙަވާލުވެ ވަޑައިގަންނަވާފައިވާއިރު, ޔަހޫދީ ފައުޖުން ދަނީ ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާ ކުރަމުންނެވެ. ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 77އަށް އަރައެވެ. އޭގެ ތެރެއިން 60 މީހުން ޝަހީދު ކޮށްލާފައި ވަނީ އަލް-ބިޤާޢު ވާދީއަށް ދިން ވައިގެ ޙަމަލާތަކުގައެވެ. އެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 58އަށް އަރާއިރު, އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ލުބްނާނުގެ ޤައުމީ ނޫސް އޭޖެންސީ (އެންއެންއޭ)ން ބުނީ, ބަޢަލަބަކަ ޕުރޮވިންސުގެ ސަހްލު ޢަލަޤަށް ދިން ނިރުބަވެރި ޙަމަލާއެއްގައި 16 މީހުން ޝަހީދުކޮށްލި ކަމުގައެވެ. އަދި, އެ ޕޮރުވިންސުގެ ރާމަށް ދިން ޙަމަލާއެއްގައި މަޔަކާއި އޭނާގެ ހަތަރު ދަރިން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,787އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 12,772އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.3 މިލިޔަނަށް ވަނީ އުފުލިފައެވެ. އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުމަތީގައި ކަމުގައެވެ.