ޚަބަރު

ސޫދާންގެ ދާޚިލީ ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 14 މިލިޔަނަށް


ސޫދާންގެ ދާޚިލީ ހަނގުރާމައިގައި ގެދޮރު ގެއްލުމާ ގުޅިގެން އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން މަޖުބޫރުވެފައިވާ މީހުންގެ އަދަދު 14 މިލިޔަނަށް އުފުލިފައިވާ ކަން, ހިޖުރަކުރާ މީހުންނާ ބެހޭ އދގެ އިދާރާ (އައިއޯއެމް)ގެ ވެރިޔާ އޭމީ ޕޯޕް ހާމަކުރައްވައިފިއެވެ. އޭގެ ތެރެއިން ބޮޑު އިންސައްތަކީ ސޫދާންގެ އެތެރޭގައި ގެދޮރު ގެއްލިފައިވާ މީހުން ކަމަށާއި, ގިނަ އަދަދެއްގެ ބަޔަކު އަވައްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައިވާ ކަމުގައި ޕޯޕް ވިދާޅުވިއެވެ. އަދި, ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 200,000އެއްހާ މީހުންނަށް އަމިއްލަ ވަޒަށް ދޫކޮށް ދާން މަޖުބޫރުވި ކަން އޭނާ ހާމަކުރެއްވިއެވެ.

ސޫދާންގައި ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ, ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ހަނގުރާމަވެރިން 2023ވަނަ އަހަރުގެ އޭޕްރިލް މަހު ވެރިރަށް ޚަރްތޫމަށް އަރައި, އެ ރަށް ހިފުމަށް ޙަމަލާ ދިނުމުންނެވެ. އެ ޤައުމުގެ 18 ޕުރޮވިންސެއްގެ ތެރެއިން 14 ޕުރޮވިންސެއްގައި އާރްއެސްއެފާއި އަސްކަރިއްޔާގެ ސިފައިންނާ ދެމެދު ދަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންނެވެ. މި ހަނގުރާމައިގައި ޢާންމުންގެ އެތަކެއް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

"އޭގެ ތެރެއިން 11 މިލިޔަނަކީ [މީހުންނަކީ ސޫދާންގެ] އެތެރޭގައި ގެދޮރު ގެއްލިފައިވާ މީހުން, އަދި 3.1 މިލިޔަން މީހުން ވަނީ އަވައްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައި. އެހެންވީމަ, އަމިއްލަ ވަޒަން ދޫކޮށް ދަތުރު ކުރަމުންދާ މީހުންގެ އަދަދު 14 މިލިޔަނަށް އަރާނެ،" ޕޯޕް ވިދާޅުވިއެވެ. އޭގެ ތެރޭޭގައި, ސޫދާންގެ ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިން ގެދޮރު ގެއްލިފައިވާ މީހުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސޫދާންގެ މަސްރަޙު ދިރާސާ ކުރަން އދން އުފައްދާފައިވާ މިޝަނުން ބުނީ, އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް, ޚާއްޞަކޮށް އަންހެނުންނާ ދެކޮޅަށް, އާރްއެސްއެފްގެ ހަނގުރާމަވެރިން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަމުގައެވެ. މި ގޮތުން, ޖިންސީ އަނިޔާ ދީފައިވާ, އަދި ރޭޕު ކޮށްފައިވާ އަންހެނުންނާއި އަންހެން ކުދިންގެ އަދަދު ހައިރާންކުރަނިވި މިންވަރަކަށް އިތުރުވެފައިވާ ކަމުގައި އދގެ މިޝަނުން ހާމަކުރިއެވެ. އަދި, ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިން ޖިންސީ އަޅުންގެ ގޮތުގައި ގެންގުޅެމުންދާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

އދގެ މިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ, އުމުރުން އަށް އަހަރުގެ ކުޑަ އަންހެން ކުދިންނާއި, އުމުރުން 75 އަހަރުގެ އަންހެނުންނަށް ވެސް އާރްއެސްއެފްގެ ހަނގުރާމަވެރިން ޖިންސީ އަނިޔާދީފައިވާ ކަމުގެ ހެކި ހިމެނޭ ލިޔެކިޔުންތައް ލިބިފައިވާ ކަމުގައެވެ. "ކަންބޮޑުވާ އަދަދެއްގެ ބަޔަކަށް ޖިންސީ އަނިޔާ ދީފައިވާ ކަމުގެ ހެކި ހިމެނޭ ލިޔެކިޔުންތައް ލިބިއްޖެ،" އދގެ މިޝަންގެ ވެރިޔާ މުޙައްމަދު ޝަންދީ ޢުޘްމާން ވިދާޅުވިއެވެ. އެ ކުށްތަކާ ގުޅޭ ހެއްކާއި މަޢުލޫމާތު ހިމެނޭ 80 ޞަފުހާގެ ރިޕޯޓެއް އދގެ މިޝަނުން ވަނީ ޢާންމު ކޮށްފައެވެ. އެ ރިޕޯޓު އެކުލަވައިލާފައި ވަނީ އަނިޔާގެ ޝިކާރައަކަށްވި މީހުންނާއި, އެ މީހުންގެ ޢާއިލާގެ މެންބަރުންގެ އިތުރުން މަންޒަރު ފެނުނު މީހުންގެ ބަސްދީގަތުންތަކަށް ބިނާކޮށެވެ.

އާރްއެސްއެފަކީ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ޖަންޖުވީދާ ގުޅުން އޮތް ޖަމާޢަތެކެވެ. ސޫދާންގެ ހުޅަނގުގައި އޮތް ދަރްފޫރުގައި ހަރަކާތްތެރިވަމުން ދިޔަ ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެކޮޅަށް ސޫދާންގެ އަސްކަރިއްޔާއިން މީގެ ދެ ދަހަރެއްހާ ދުވަސް ކުރިން ކުރި ހަނގުރާމައިގައި އާރްއެސްއެފުން ވަނީ އަސްކަރިއްޔާއާ އެއް ސަފެއްގައި ބައިވެރިވެފައެވެ. ސޫދާންގައި މިހާރު ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް އާރްއެސްއެފުން އަތްގަދަ ކޮށްފައިވާއިރު, އޭގެ ތެރޭގައި ދަރްފޫރު ސަރަޙައްދު ވެސް ހިމެނެއެވެ. ސޫދާންގެ މަސަލީތު ދަރިކޮޅުގެ މީހުންގެ ނަސްލުހޭދު ކުރަން އާރްއެސްއެފުން ޤަތުލުޢާންމެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އާރްއެސްއެފާ ދެކޮޅަށް އދގެ މިިޝަނުން އުފުލާފައިވާ ތުހުމަތުތަކަށް އެ ގުރޫޕުން ރައްދު ދީފައެއް ނެތެވެ.

ސޫދާންގެ އަންހެނުންނާއި އަންހެން ކުދިންނަށް ޖިންސީ އަނިޔާ ކުރުމުގައި ސޫދާންގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިވެފައިވާ ކަމުގެ ހެއްކާއި ލިޔެކިޔުންތައް ލިބިފައިވާ ކަން ވެސް ޢުޘްމާންގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ނަމަވެސް, އާރްއެސްއެފްގެ ޖަރީމާތަކާ އަޅައިބަލާއިރު, އަސްކަރިއްޔާއިން ހިންގާފައިވާ ޖަރީމާތަކުގެ އަދަދު މަދު ކަމުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން, އަސްކަރިއްޔާއާއި އާރްއެސްއެފުން ވެސް ހަނގުރާމައިގައި ކުޑަކުދިން ބޭނުން ކުރަމުންދާ ކަމަށް ޢުޘްމާން ތުހުމަތު ކުރެއްވިއެވެ.

ހުސްވި ހަފުތާގައި ވެސް އަލް-ޖަޒީރާ ސްޓޭޓްގައި ޢާންމުން ދިރިއުޅޭ އަވަށެއް ކަމުގައިވާ އަލް-ޞަރީޙަތަށް އާރްއެސްއެފްގެ ހަނގުރާމަވެރިން ވަނީ ނުރައްކާތެރި ޙަމަލާތަކެއްދީ, ޢާންމުންގެ 124 މީހުން މަރައިލާފައެވެ. އެއީ, މީގެ 18 މަސް ކުރިން ސޫދާންގައި ފެށި ދާޚިލީ ހަނގުރާމައިގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ލޭއޮހޮރުވުން އެންމެ ބޮޑު ޤަތުލުޢާންމެވެ.

އަލް-ޞަރީޙަތަށް ދީފައިވާ ޙަމަލާތަކުގައި ޢާންމުން 100އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ހާމަކުރިއެވެ. ސޫދާން ދާޚިލީ ހަނގުރާމައިގައި ކުށެއް ނެތް ޢާންމުން ޤަތުލު ކުރުމާއި, ޖިންސީ އަނިޔާ އަދި އަންހެނުންނާއި ޅަ އުމުރުގެ ފިރިހެން ކުދިން ވަގަށް ގެންދިޔުން ފަދަ ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމުގައި ވިދާޅުވެ, އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ ވެރިޔާ ފޮލްކަރ ތުރްކު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.