ޚަބަރު

ޚަރަދުތައް ހަމަޖެއްސުމަށް 1.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ


  • ވިއްކުމަށް ނިންމާފައިވަނީ ޖުމްލަ 1.2 ބިލިޔަން ރުފިޔާގެ 4 ޓީބިލް

  • ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ %3.50 އާއި %4.60 ގައި

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.2 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ނިންމައިފިއެވެ.

މާލީ ވުޒާރާއިން ވިއްކުމަށް ނިންމާފައިވަނީ ޖުމްލަ 1.2 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ. ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.

ޓީ-ބިލްތަކުގެ ތަފްސީލު:

• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 235 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 458 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 183 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 351 މިލިއަން ރުފިޔާގެ ޓީ-ބިލް

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.