ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން ސަޢޫދީ ޢަރަބިއްޔާ ބޭނުން


ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަން ސަޢޫދީ ޢަރަބިއްޔާއިން ޝަޢުޤުވެރިކަން ފާޅުކޮށްފިއެވެ. ރަޝިޔާގެ ދައުލަތުގެ ނޫސް އޭޖެންސީ, ތާސުން ބުނީ އެ ކަމުގެ ޝަޢުޤުވެރިކަން ފާޅު ކުރައްވާފައި ވަނީ ވެރިރަށް މޮސްކޯގައި ހުންނަވާ ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ކަމުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.

ތާސުން ބުނީ, ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓައިލައި, އެ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ކާރިސާއަށް ނިމުމެއް ގެނައުމުގައި ދެ ޤައުމުގެ ދެމެދުގައި މެެދުވެރިއެއްގެ ދައުރު އަދާ ކުރަން ސަޢޫދީ ޢަރަބިއްޔާއިން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ސަފީރު ވިދާޅުވެފައިވާ ކަމުގައެވެ. އަދި, އެ ކަމާ ގުޅޭ ގޮތުން ދެ ފަރާތާ އެކު މަޝްވަރާތައް ވިލަރެސްކޮށް, ފެށުމަށް ތައްޔާރަށް އޮތް ކަމުގައެވެ.

ހަނގުރާމައިގެ ފުރަތަމަ ހަފުތާއަށް ފަހު, ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އެއްވެސް ވަރަކަށް ސުލްޙައިގެ މަޝްވަރާތައް ބާއްވާފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޗައިނާއާއި އެފްރިކާގެ ބައެއް ޤައުމުތަކުގެ ވެރިން ރަޝިޔާއާއި ޔޫކްރެއިންގެ ރައީސުންނާ މަޝްވަަރާ ކޮށްފައިވެއެވެ.

ރަޝިޔާއިން އަބަދުވެސް ބުނަމުން ދަނީ, ސުލްޙައިގެ މަޝްވަރާތައް ފަށަން އެ ޤައުމުން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް, ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ޝަރުޠުތަކެއް ކަނޑައަޅުއްވާފައެވެ. އޭގެ ތެރޭގައި, ހުޅަނގުގެ ބާރުތަކުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރުކަން ހޯދަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓައިލުމުގެ އިތުރުން, ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ބިންތަކަކީ ރަޝިޔާގެ ބަޔެއްގެ ގޮތުގައި ބަލައިގަތުން ހިމެނެއެވެ. ނަމަވެސް, އެ ޝަރުޠުތަކަށް ޒެލެންސްކީ އިންކާރު ކުރައްވައެވެ.

ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތްތަކެއް ހިމެނޭ ރޭވުމެއް ޒެލެންސްކީ ވެސް ވަނީ ހުށަހަޅުއްވާފައެވެ. އޭގައި އޮތީ, ބާރުގެ ބޭނުން ކޮށްގެން ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއަށް މަޖުބޫރު ކުރުވުމެވެ. އެ ރޭވުމުގެ ދަށުން އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކްގެ ސަރަޙައްދުތަކަށް އަރައިގަނެ, ރަށްތަކާއި އަވަަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ހުޅަނގުން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ދުރު-ރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަކީ ވެސް ޒެލެންސްކީގެ ރޭވުމުގައި ހިމެނޭ ކަމެކެވެ.

ކޫރްސްކަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖެއްސުމަށް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް, މިހާތަނަށް އެ ކަން ކާމިޔާބު ކުރެވިފައެއް ނެތެވެ. ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ވެފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން, އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާއަށް ފޮނުވާފައިވާ ކަމުގެ ތުހުމަތުތަކާ އެކު, މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާގައި ތިބި ކަމަށް ތުހުމަތު ކުރަނީ އެމެރިކާއާއި ނޭޓޯއިންނެވެ. އެމެރިކާއިން ބުނީ, އުތުރު ކޮރެޔާގެ 10,000އެއްހާ ސިފައިން ރަޝިޔާގައި ތިބި ކަމުގައެެވެ.

ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުން %18 ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައި ލުހާންސްކާއި ދޮންޏެސްކުގެ ގިނަ ރަށްތަކާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ މައި އިންޖީނުގެ ވެސް އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ. މީގެ އިތުރުން, ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ 2014ވަނަ އަހަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.