ޚަބަރު

ޓްރަމްޕަށް ވެރިކަން ލިބުމަކީ އީރާނަށް "ބިރުވެރި ހުވަފެނަކަށް" ވާނެ


އީރާނާއި އެ ޤައުމުގެ އެކުވެރިން މި ވަގުތު އިންތިޒާރު ކުރަމުންދާ އެއް ކަމަކީ, ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބެވެ. ބަލަން ތިބީ އެ އިންތިޚާބު ނަތީޖާގެ ނިކުންނާނެ ގޮތަކަށެވެ. އީރާނަށް އޮތް ބިރަކީ, ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމާ އަލުން ހަވާލުވުމެވެ. އެއީ, އީރާނަށް "ބިރުވެރި ހުވަފެނެއް" ފަދަ ކަމަކަށް ވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ވޯޓުލުން އޮންނާނީ ނޮވެންބަރު 5ވަނަ ދުވަހުއެވެ. ނަމަވެސް, އެ ޤައުމުގެ ގިނަ ސްޓޭޓްތަކެއްގައި އަރލީ ވޯޓިންގ, ނުވަތަ ކުރީބައިގައި ވޯޓުލުމުގެ ފުރުޞަތު ވަނީ ހުޅުވައިލާފައެވެ. އަދި, އެ ފުރުޞަތުގެ ބޭނުންކޮށް, މިހައިތަނަށް 67.9 މިލިޔަން މީހުން ވަނީ ވޯޓުލާފައެވެ. ނަމަވެސް, އެ ވޯޓުތަކުގެ ނަތީޖާ ގުނާނީ, ރަސްމީ ގޮތުން އިންތިޚާބު ބާއްވާ ދުވަސް ކަމުގައިވާ ނޮވެންބަރު 5އަށް ފަހުއެވެ.

އިންތިޚާބުގައި ޓްރަމްޕާ ވާދަ ކުރައްވަނީ, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސެވެ. މިހާތަނަށް ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަ ގޮތުގައި ދެ ކެނޑިޑޭޓުންނަށް ވެސް ވޯޓު ދޭނެ ކަމަށް ބުނެފައިވާ މީހުންގެ އަދަދުތައް ވަރަށް ހަމަހަމައެވެ. އެހެންކަމުން, އޭގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު އޮތް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އީރާނަށް އޮތް ބޮޑު ބިރެއް, އަދި ނުރައްކަލެއް

އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަަވައި, އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އަލުން އިންތިޚާބުވެ ވަޑައިގަތުމަކީ އީރާނުގެ އިތުރުން ލުބުނާނާއި, ޢިރާޤާއި ޔަމަނުގައި ތިބި އެ ޤައުމުގެ އެކުވެރިން ކަންބޮޑުވާ މައްސަލައެކެވެ. ސަބަބަކީ, ޓްރަމްޕުގެ އައު ވެރިކަމެއްގައި, އީރާނަށް އޮތް ނުރައްކަލާއި, ކުރިމަތިލާން ޖެހޭނެ ފުރައްސާރައާއި, ފިއްތުންތައް ބޮޑުވާނެ ކަމުގެ ޔަގީންކަމެވެ. އަދި, ބިރާއި ނުރައްކަލާ ކުރިމަތިލާންޖެހޭނެ ކަމެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި, އިންތިޚާބުގައި ޓްރަމްޕަށް ކާމިޔާބީ ލިބުމަކީ, މެދުއިރުމަތީގެ މުސްލިމުންނަށް ވެސް އޮތް ބޮޑު ބިރެއް, އަދި ނުރައްކަލެކެވެ. ސަބަބަކީ, މުސްލިމުންގެ ނަސްލުހޭދު ކުރަން ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ވެސް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާކޮށް ބޮޑު ކުރުމަށް އިތުރު ހިތްވަރެއް ލިބުމެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެމެރިކާގެ ވެރިކަމާ ޓްރަމަޕް ޙަވާލުވެއްޖެ ނަމަ, އެ ޖަރީމާތައް އިތުރުކޮށް ފުޅާ ކުރަން ނިރުބަވެރި ނަތަންޔާހޫއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީންނަށް ހިތްވަރުދޭނެ

މީގެ އިތުރުން, އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރު ކުރުމަށް ވެސް އަނިޔާވެރި ނަތަންޔާހޫއަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި, އީރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ ވެރިން ޝަހީދު ކުރުމަށާއި, އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތައް ދިނުމާއި, އެ ޤައުމުގެ ތެޔޮ ވަޅުތަކާއި ތެޔޮ އުފައްދާ ކާރުޚާނާތަކަށް ޙަމަލާ ދިނުމަށް ޓްރަމްޕް ޔަހޫދީންނަށް ހިތްވަރު ދެއްވައި, ބާރުއަޅުއްވާނެ ކަމަށް މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅުން ޤަބޫލު ކުރައްވައެވެ.

އެ ބޭފުޅުން މި ގޮތަށް ދެކެވަޑައިގަންނަވާ ސަބަބުތައް ގިނައެވެ. އަދި, އެ ކަމަށް ބާރުދޭ ހެކިތައް ވެސް އޮތީ ފެންނާށެވެ. ޓްރަމްޕުގެ ވެރިކަމެއްގައި, އޭނާއާއި ޔަހޫދީން ބޭނުންވާ ގޮތަށް ފަރުމާ ކުރާ ނިއުކްލިޔަރ އެއްބަސްވުމަކަށް އީރާން ބޯލަންބުވަން އޭނާ މަސައްކަތް ކުރައްވާނެއެވެ. ބޭނުމަކީ, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނިމުމެއް ގެނައުމެވެ. މެދުއިރުމަތީގައި ނިއުކްލިޔަރ ބާރެއް އޮތުމަކީ އެމެރިކާ އަދި ޔަހޫދީންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ. 2017ން 2021ށް ޓްރަމްޕްގެ ކުރީގެ ވެރިކަމުގައި ވެސް އީރާނަށް އެ ފަދަ އެތަކެއް ފިއްތުންތަކާ ކުރިމަތިލާން ޖެހުނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ އެކު, މެދުއިރުމަތީގައި ބާރުތައް ބެހިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އަދި, އީރާނުގެ ޚާރިޖީ ސިޔާސަަތާއި އިޤުތިޞާދީ ލަނޑުދަނޑިތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް, އީރާނާއި, އެ ޤައުމުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންްސްގައި ހިމެނޭ މުޖާހިދުންގެ އަދި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބާރު ކަނޑުވައިލަން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ނިރުބަވެރި ޖަރީމާތަކެއް ހިންގާފައެވެ. އަދި, ފަލަސްޠީނުުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާއި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ބާރު ކަނޑުވައިލާފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ޝަރުޠަކާ ނުލައި ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތް ކޮށްދޭނެ

ޓްރަމްޕަކީ އެއްވެސް ޝަރުޠަކާ ނުލައި ޔަހޫދީންނަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. "ޓްރަމްޕުގެ ވެރިކަމުގައި ދެކަމެއް ކުރައްވަފާނެ, އީރާނާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން, ނުވަތަ އިސްރާއީލު [ޔަހޫދީން] ބޭނުންކޮށްގެން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުން. އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރަން އޭނާގެ ފުރިހަމަ ރުހުން ދޭނެ،" ގަލްފް ރީސަރޗް ސެންޓަރުގައި މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރައްވާ ޢަބްދުލްޢަޒީޒު އަލްޞަޣީރު ވިދާޅުވިއެވެ. "ޓްރަމްޕް އެނބުރި ވައިޓް ހައުސަށް ދިޔުމަކީ ނަތަންޔާހޫގެ ހުވަފެނެއް ޙަޤީޤަތަކަށް ވުން ފަދަ ކަމެއް."

ނަން ހާމަކޮށްފައި ނުވާ އީރާނުގެ އޮފިޝަލަކު ބުނީ, ކޮންމެ ފަދަ ހާލަތަކަށް ވެސް އެ ޤައުމުން ތައްޔާރުވެފައިވާ ކަމުގައެވެ. "އެމެރިކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ބޭރުން ތެޔޮ ބޭރުކުރާނެ ގޮތްތައް އަޅުގަނޑުމެން [އެތަކެއް ދަހަރެއް ވަންދެން] ވާނީ ހޯދާފައި. ވައިޓް ހައުސްގައި ކޮންމެ މީހަކު [ރައީސަކު] ހުރި ނަމަވެސް, އަޅުގަނޑުމެން ވާނީ ދުނިޔޭގެ އެހެން ޤައުމުތަކާ އެކު އޮތް ގުޅުންތައް ހަރުދަނާ ކޮށްފައި،" އީރާނުގެ އޮފިޝަލު ބުންޏެވެ.

ބިރުވެރި ހުވަފެން ޙަޤީޤަތަކަށް ވުމުގެ ފުރުޞަތު ބޮޑު

އީރާނުގެ އެހެން އޮފިޝަލަކު ވިދާޅުވީ, ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވުމަކީ އީރާނަށް ކުރިމަތިލާން ޖެހޭނެ "ބިރުވެރި ހުވަފެނެއް" ފަދަ ހާލަތެއް ކަމުގައެވެ. އަދި, އޭނާ "ޔަހޫދީން ރުއްސަން އީރާނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރާނެ, އަދި ތެޔޮ ބޭރު ކުރުމަށް އޮތް ހުރަސްތައް ތަންފީޒު ކުރަން މަސައްކަތް ކުރާނެ" ކަމުގައެވެ. އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އީރާނަށް އިޤުތިޞާދީ ގޮތުން ބޮޑު ހީނަރުކަމެއް ކުރިމަތިވެ, އީރާނުގެ އިޤުތިޞާދު "ވާގިނެތޭނެ" ކަމުގައި ވެސް އެ އޮފިޝަލު ބުންޏެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން ބޭނުންފުޅުވާ ކަން ޓްރަމްޕް މީގެ ކުރިން ވެސް ހާމަ ކުރައްވާފައިވެއެވެ. އޭނާ އެ ކަން ހާމަކުރައްވާފައި ވަނީ އޮކްޓޫބަރު މަހު ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި, އޮކްޓޫބަރު 1ގައި އީރާނުން ޒަޔަނިސްޓު އިސްރާއީލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ "ފުރަތަމަ ވެސް ޙަމަލާ ދޭންވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް, އިތުރު ކަންކަމާ ވިސްނާނީ އެއަށް ފަހު،" ކަމުގައި ވިދާޅުވެ, ޔަހޫދީންނަށް ހިތްވަރު ދެއްވާފައެވެ.