ފަލަސްޠީނުގައި ވެރިކަން ކުރާ ދެ ޕާޓީ ކަމުގައިވާ ފަތުޙާއި ޙަމާސާ ދެމެދު މިޞްރުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މިޞްރުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ, ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކޮށްފައި ވަނީ ޙަމާސްގެ ބާރުގެ ދަށުގައި އޮތް ޣައްޒާގައި ވެރިކަން ކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމާ ގުޅޭ ގޮތުން ކަމުގައެވެ. މި މަޝްވަރާތައް ބާއްވާފައި ވަނީ, ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު މިޞްރާއި ޤަޠަރުން މެދުވެރިންގެ ގޮތުގައި ވިލަރެސް ކުރަމުންދާ ވާހަކަތަކުގެ ތެރެއިންނެވެ.
ޣައްޒާގައި ދިރިއުޅޭ 2.3 މުސްލިމުންގެ ނަސްލުހޭދު ކޮށްލަން ޔަހޫދީ ފައުޖުން މިހާރު ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ޢުދުވާނުގެ ދަށުން އެތަކެއް ހާސް ބަޔަކު ޝަހީދު ކޮށްލާފައިވާއިރު, ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކުގެ އިތުރުން އެހެނިހެން ޢުމްރަނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
އެ ޢުދުވާންތައް ހުއްޓުމަކަށް ގެނެސް, ޣައްޒާގައި ނިކަމެތިކޮށް, ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ފެށުމަށް މިޞްރާއި ޤަޠަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް, ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ މަޝްވަރާތަކަށް ހުރަސް އަޅަމުންނެވެ. އަދި, ޣައްޒާ ޢުދުވާން އިތުރަށް ފުޅާކޮށް, ޤަތުލުޢާންމު ހިންގުން އިތުރު ކުރަމުންނެވެ.
ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމުން, އެ ސަހަރުގައި ވެރިކަން ކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލަން ހުށަހަޅާފައި ވަނީ މިޞްރުންނެވެ. އެ ކޮމިޓީގައި ޙަމާސްގެ އިތުރުން ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތުޙް ޖަމާޢަތުގެ ބައިވެރިވުން އޮންނާނެ ކަމަށް ބެލެވެއެވެ. ހުސްވި އޮކްޓޫބަރު މަހު ވެސް, އެ ކޮމިޓީ އެކުލަވައިލުމާ ގުޅޭ ގޮތުން ޙަމާސާއި ފަތުޙުގެ ވެރިންނާ ދެމެދު މިޞްރުގެ ވެރިރަށް ޤާހިރާގައި މަޝްވަރާތައް ބޭއްވިއެވެ.
މިޞްރުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ, ޣައްޒާގައި ވެރިކަން ކުރާނެ އައު ކޮމިޓީ އެކުލަވައިލާނީ, އެއްވެސް ޖަމާޢަތަކާ ސީދާ ގޮތުން ގުޅުން ނެތް, މިނިވަން މެންބަރުންތަކެއްގެ މައްޗަށް ކަމުގައެވެ. އެ ފަދަ ކޮމިޓީއެއް އެކުލަވައިލަން ޙަމާސާއި ފަތުޙުން އެއްބަސްވެއްޖެ ނަމަ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެވުމުން, ޣައްޒާގައި ދެން ވެރިކަން ކުރާނެ ގޮތަކާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ޣައްޒާގައި ވެރިކަން ކުރަން އެކުލަވައިލާ ޚާއްޞަ ކޮމިޓީގައި ޙަމާސްގެ ބައިވެރިވުން އޮތުމަކީ ޔަހޫދީން ބޭނުންވާ ގޮތެއް ނޫނެވެ. އަދި, ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ފަތުޙް ޖަމާޢަތުގެ މެންބަރުންނަށް އިތުބާރު ނުކުރާ ކަމުގައި ވެސް ޔަހޫދީން ވަނީ ބުނެފައެވެ. މިއީ, ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ޖަރީމާތައް ހުއްޓައިލަން ޔަހޫދީން ދައްކަމުންދާ ބަހަނާއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައި ނެތީ ވެސް އަނިޔާވެރި ނަތަންޔާހޫ އެ ކަމަށް ހުރަސް އަޅަމުންދާތީއެވެ. ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުވުމަށް ވެސް އޭނާ ދަނީ ހުރަސް އަޅަމުންނެވެ. އަދި, ޣައްޒާގެ ޢުދުވާން ހުއްޓުމަކަށް ގެންނަން ދެކޮޅު ހަދަމުންނެވެ. މި ކަމާ ދެކޮޅަށް އަޑުއުފުލުމަށް ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވާއި, ޔަހޫދީން ވެރިވެގަނެފައިވާ ޤުދުސް ފަދަ ރައްތަކުގައި ޔަހޫދީ ޢާންމުންގެ އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި, ނިރުބަވެރި ނަތަންޔާހޫގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.
ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިއްޒަތު އަލް-ރަޝަޤު ވިދާޅުވީ, ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލުމަކީ ޙަމާސުން ރުހޭނެ ކަމެއް ނޫން ކަމުގައެވެ. އަދި, ޝަރުޠަކީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދު ކުރުމުގެ ޢުދުވާނީ ޙަމަލާތައް އެއްކޮށް ހުއްޓައިލުން ކަމުގައެވެ. "ޣައްޒާގެ މުސްލިމުން އަޅުވެތިކުރުމަށް ނިމުމެއް ގެނެސް, ލާއިންސާނީ ޢުދުވާން ހިންގުން ދާއިމަށް ހުއްޓައިލުމަށް ހުށަހަޅައިފި ނަމަ އެ ކަމަށް [ޙަމާސުން] އިޖާބަ ދޭނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރުކޮށް, ފުޅާ ކުރަމުންނެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60އަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ. އޭގެ ތެރެއިން ބުރަޔިޖު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި ޝަހީދު ކޮށްލާފައިވާ ފަސް މީހުން ހިމެނެއެވެ. އަދި, ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ މުޖާހިދުން ވެސް ދަނީ ރައްދު ޙަމަލާ ދެމުންނެވެ. ޙަމާސަށް ވާގިވެރިވާ އިސްލާމިކް ޖިހާދު ޖަމާޢަތުން ބުނީ, ޒަޔަނިސްޓު އިސްރާއީލުގެ ދެ ރަށެއް ކަމުގައިވާ ސަދީރޫތާއި މަފަލާސީމަށް ރޮކެޓު ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް އެ ދެ ސަރަޙައްދަށް ދީފައިވާ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,314އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,019 މީހުން ޒަޚަމު ކޮށްލާފައެވެ.