ޚަބަރު

އިންޑިޔާގެ ކަޝްމީރުގައި ބޮމެއް ގޮއްވައިލައި 11 މީހުން ޒަޚަމުކޮށްލައިފި


އިންޑިޔާގެ ބާރުގެ ދަށުގައިވާ ކަޝްމީރު ސަރަހައްދުގައި އަތުބޮމެއް ގޮއްވައިލައިގެން ޙަމަލާ ދީ 11 މީހުން ޒަޚަމު ކޮށްލައިފިއެވެ. ޙަމަލާ ދީފައި ވަނީ ކަޝްމީރުގެ ވެރިރަށް, ޝްރީނަގަރުގެ ބާޒާރެއްގައި ފޯރިމަރަމުން ދިޔަ ސަލާމަތީ ބާރުގެ ސިފައިންނަށް އަމާޒުކޮށެވެ. ކަޝްމީރުގެ ފުލުހުން ބުނީ, އެ ޙަމަލާގެ ފަހަތުގައި އޮތީ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައެވެ.

ޙަމަލާގައި ޒަޚަމުވެފައި ވަނީ ޢާންމުންގެ މީހުން ކަމެއް ނުވަތަ ސިފައިން ކަމެއް ސާފެއް ނޫނެވެ. ފުލުހުން ބުނީ, ޒަޚަމުވި މީހުން ހަސްފަތާލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި, އެއްވެސް މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައި ނެތް ކަމުގައެވެ. ނަމަވެސް, ބޮން ގޮވި ވަގުތު ބާޒާރުގައި ތިބި މީހުން ހާސްވެ, ރައްކާތެރިކަން ހޯދަން މަސައްކަތް ކުރި ކަމުގައި ވެސް ނަން ހާމަކޮށްފައި ނުވާ ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

މި ޙަމަލާގެ ފަހަތުގައި އޮތީ ހަތިޔާރު އެޅި ކޮން ޖަމާޢަތެއް ކަން ސާފެއް ނޫނެވެ. ނަމަވެސް, ޙަމަލާ ދީފައި މި ވަނީ, ކަޝްމީރުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ލަޝްކަރު ޠަޔިބާގެ އިސް ކޮމާންޑަރެއް މަރައިލާފައިވާ ދަނޑިވަޅެއްގައެވެ. އެ ޖަމާޢަތުގެ ކޮމާންޑަރު މަރައިލަން އިންޑިޔާގެ ސިފައިން ދިން ޙަމަލާތަކުގައި އިތުރު ދެ ހަނގުރާމަވެރިން މަރުވިއެވެ.

ޖައްމޫ އަދި ކަޝްމީރާއި ލައްދާކަކީ ވަކިން ވެރިކަން ކުރާ ދެ ސަރަޙައްދެއްގެ ގޮތުގައި އިންޑިޔާގެ މައި ސަރުކާރުން ކަނޑައަޅާފައި ވަނީ މީގެ ފަސް އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި, މިހާރު، އެ ސަރަޙައްދުގައި ޢާންމު އިންތިޚާބެއް ބާއްވައި, އައު ސަރަޙައްދީ ސަރުކާރެއް ވެސް ވަނީ އެކުލަވައިލާފައެވެ. އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު އިއްތިޙާދު, ޖައްމޫ އެންޑް ކަޝްމީރު ނޭޝަނަލް ކޮންފަރެންސް (އެންސީ)ންނެވެ.

އޮކްޓޫބަރު މަހު އެ ސަރަޙައްދުގައި އައު ސަރުކާރުން ވެރިކަން ކުރަން ފެށި ފަހުން ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަރަކާތްތައް އިތުރުކޮށްފައިވެއެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ދީފައިވާ އެކިއެކި ޙަމަލާތަކުގައި 15 މީހުން މަރުވިއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާއި އިންޑިޔާގެ އަސްކަރިއްޔާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް އެތަކެއް ދަހަރެއް ފާއިތުވެފައިވާއިރު, އެ ހަމަނުޖެހުންތަކުގައި އެތަކެއް ހާސް ބަޔަކު މަރުވެފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ކަޝްމީރުގެ މިލްކުވެރިކަމާ މެދު އިންޑިޔާއާއި ޕާކިސްތާނުން ވެސް ދަނީ ދަޢުވާ ކުރަމުންނެވެ. އަދި, ކަޝްމީރުގެ ދެ ސަރަޙައްދެއްގައި ދެ ޤައުމުން ވެސް ދަނީ ވެރިކަން ކުރަމުންނެވެ. ޖައްމޫއާއި ކަޝްމީރު އަދި ލައްދާކަކީ ވަކިން ވެރިކަން ކުރާ ދެ ސަރަޙައްދެއްގެ ގޮތުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ކަނޑައަޅާފައި ވަނީ 2019ވަނަ އަހަރުއެވެ. އެ ނިންމުމާ އެކު, އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުންތައް ހީނަރުވިއެވެ.