އީރާނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފި ނަމަ, އެމެރިކާއާއި ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް ނުރައްކާތެރި ރައްދެއް ދޭން ތައްޔާރަށް އޮތް ކަމުގައި ވިދާޅުވެ, އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީ އިންޒާރު ދެއްވައިފިއެވެ. 85 އަހަރުގެ ޚާމަންޢީ އެމެރިކާއާއި ޔަހޫދީންނަށް އިންޒާރު ދެއްވާފައި ވަނީ, އީރާނުގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުން އެ ޤައުމުގެ ވެރިރަށް ތަހްރާންގައި ހުރި އެމެރިކާގެ އެމްބަސީ 1979ވަނަ އަހަރު ހިސާރު ކުރި ހާދިސާގެ އަހަރީދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަހްރާނާއި ވޮޝިންގޓަނާ ދެމެދު މި ވަގުތު އޮތް ހަތުރުވެރިކަމާއި ނުތަނަވަސް ކަމުގެ އަސްލަކީ އެ ހާދިސާއެވެ. ޚާމަންޢީ ވިދާޅުވީ, އީރާނުގެ އިތުރުން އެ ޤައުމުން ވާގިވެރިވާ ޤައުމުތަކާއި ޖަމުޢިއްޔާތަކާ ދެކޮޅަށް އެމެރިކާއާއި ޒަޔަނިސްޓުން ފިޔަވަޅު އަޅައިފި ނަމަ, އެ ފަރާތްތަކަށް "ފުނޑުފުނޑު ކޮށްލާނެ" ފަދަ ރައްދެއް ދިނުމަށް އީރާނުން ތައްޔާރަށް އޮތް ކަމުގައެވެ.
"ދުޝްމަނުން, ޒަޔަނިސްޓު ދައުލަތުން ނުވަތަ އެމެރިކާއިން, އީރާނާއި އީރާނުން ވާގިވެރިވާ [އެކްސިސް އޮފް] ރެސިސްޓެންސާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ބަދަލުގައި އެ މީހުންނަށް ފުނޑުފުނޑު ކޮށްލާނެ ފަދަ ރައްދަކާ ކުރިމަތިލާން ޖެހޭނެ،" ޚާމަންޢީ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައިވާ ރެސިސްޓެންސަކީ އީރާނުން ވާގިވެރިވާ މުޖާހިދުންގެ އަދި ހަތިޔާރު އެޅި ޖަމާޢަތްތަކެވެ. އެ ޖަމާޢަތްތަކުގެ ތެރޭގައި ޔަމަނުގެ ޙޫޘީންނާއި, ލުބްނާންގެ ޙިޒްބުاللهގެ އިތުރުން ފަލަސްޠީނުގެ ޙަމާސް ހިމެނެއެވެ.
އެމެރިކާއާއި ޒަޔަނިސްޓުންނަށް ޚާމަންޢީ އިންޒާރު ދެއްވާފައިވީ ނަމަވެސް, އެ މީހުންނާ ދެކޮޅަށް ޙަމަލާ ދޭނެ ވަގުތެއް, ނުވަތަ ގޮތެއް ހާމަކުރައްވާފައެއް ނެތެވެ. އޮކްޓޫބަރު 26ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ, އެމެރިކާގެ ރުހުމާ އެކު, ތަހްރާންގެ އިތުރުން އީރާނުގެ ބޮޑެތި ރަށްތަކުގައިވާ އަސްކަރީ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ތަހްރާނާއި, ޚޫޒިސްތާނާއި އީލާމުގައި ހުރި 20 ސައިޓަކަށް ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރިއެވެ.
ޔަހޫދީން ބުނީ, އެއީ އޮކްޓޫބަރު 1ވަނަ ދުވަހު 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން އިސްރާއީލާއި ޔަހޫދީ ފައުޖުގެ މަރުކަޒުތަކަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. އެ ޙަމަލާތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޚާމަންޢީ ކުރިން ވިދާޅުވެފައި ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ގޮތަކާ މެދު އީރާނުން ފުންކޮށް ވިސްނަން ޖެހޭނެ ކަމުގައެވެ. އަދި, "ޔަހޫދީންގެ ކުށްތައް ބޮޑުކޮށްލައިގެން ނުވާނެ, އަޅައިނުލައި ދޫކޮށްލައިގެން ވެސް ނުވާނެ" ކަމުގައެވެ.
އައިއާރްޖީސީން ޒަޔަނިސްޓުންނާ ދެކޮޅަށް ޙަމަލާތަކެއް ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ޖުލައި 31ވަނަ ދުވަހު ތަހްރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ތަހްރާނަށް ދިން ޙަމަލާގައި, ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޢުދުވާނުގެ ދަށުން ޣައްޒާގެ ޢާންމުންގެ އެތަކެއް ހާސް ބަޔަކާއި, ޙަމާސްގެ އިސް އޮފިޝަލުންނާއި ކޮމާންޑަރުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި, ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ, ޔަޙްހާ އަލް-ސިންވާރު ވެސް ހިމެނެއެވެ.
އަދި, ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޤަތުލުޢާންމު ހިންގަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެފައެވެ. ޢުދުވާންތަކުގައި ޙިޒްބުاللهގެ ވެރިންނާއި ކޮމާންޑަރުން ވެސް ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ހިމެނެއެވެ.
ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ތެދުވެފައެވެ. އަދި, ރައްދުގައި ޒަޔަނިސްޓުންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. އެ ޙަމަލާތަކުން ޔަހޫދީން ޙިމާޔަތްކޮށް, ރައްކާތެރި ކޮށްދޭން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުން ދެމުންދާ މިސައިލާއި ރޮކެޓު ޙަމަލާތަކުން ޔަހޫދީން ދިފާޢު ކޮށްދިނުމަށް އެމެރިކާއިން ދާދި ފަހުން ވަނީ ޓަރމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް, ނުވަތަ ތާޑްގެ ނަން ދީފައިވާ ވައިގެ ދިފާޢީ ނިޒާމުތަކާއި ގިނަ އަދަދެއްގެ ސިފައިން އިސްރާއީލަށް ފޮނުވާފައެވެ.
މީގެ އިތުރުން, ބީ-52 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކާއި, އެ މަތިންދާބޯޓުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ޓޭންކަރުތަކާއި, ޑިސްޓްރޯޔަރ މަރުކާގެ އަސްކަރީ މަނަވަރުތައް މެދުއިރުމައްޗަށް ފޮނުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށާފައެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތައް ވެސް މެދުއިރުމަތީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,341އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,105 މީހުން ޒަޚަމު ކޮށްލާފައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,897އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,402އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.