އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގ އަދަދު 2.2 މިލިޔަނަށް އަރާނެކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.
2025ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރުތެރޭ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ހިމަނާފައިވާއިރު، ފަތުރުވެރިކަމުގެ ބެޑް ނައިޓްސް ހުންނާނެ ކަމަށް ބެލެވެނީ 14.2 މިލިޔަންގައެވެ.
އަންނަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށްފައިވާ އަދަދަކީ 2 ލައްކަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ދަނީ އަންނަ އަހަރުތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ މަސައްކަތްކުރަމުންނެވެ. މިއާ އެކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލަކީ، އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނެންޓެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ 78000 އަކަ މީޓަރުގެ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
އައު ފަސިންޖަރ ޓާރމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހުންނާނެއެވެ. އައު ޓާރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، އެފް.އެންޑް.ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.