ފަލަސްޠީނުގައި ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް ޓަކައި އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ, ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިިޔާބު ކުރައްވައި, އެމެރިކާގެ 47ވަނަ ރައީސް ކަމުގެ މަޤާމު ޓްރަމްޕް ކަށަވަރު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕަށް ފޯނުން ގުޅުއްވައި, ޢައްބާސް ވަނީ އިންތިޚާބުގައި އޭނާ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ. ފަލަސްޠީނުގެ ދައުލަތުގެ މީޑިޔާއިން ބުނީ, ފަލަސްޠީނުގައި ދެމެހެއްޓިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. އަދި, ހަމަހަމަ ގޮތެއްގައި, އަދި ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރަން ޓްރަމްޕާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަން ޢައްބާސް ހާމަ ކުރައްވާފައިވާ ކަމުގައި އެ ނޫހުން ރިޕޯޓު ކުރިއެވެ.
އެމެރިކާގައި ރިޔާސީ އިންތިޚާބު ބާއްވާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އެ ޢުދުވާނާއި ޤަތުލުޢާންމުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި, އޭނާގެ ސަރުކާރެވެ. ޔަހޫދީ ފައުޖުން ޣައްޒާގައި ލާއިންސާނީ ޖަރީމާތައް ހިންގަން ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 43,000އަށް އުފުލިފައެވެ. އޭގެ ތެރެއިން %70އަކީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަން އދން ވަނީ ހާމަކޮށްފައެވެ.
ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން އެ ޤައުމަށް ބޮންއަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, ވެރިރަށް ބައިރޫތާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ބޮންއަޅަމުންނެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ. ލުބްނާން ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 3,000އަށްވުރެ މައްޗަށް އަރައެެވެ.
ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީގެ ފަޙްދު އަލް-ޞައްބާޙު މަދަރުސާއަށެވެ. އެއީ, ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އިމާރާތެކެވެ. އެ ތަނަށް ބޮންއަޅައި ދެ ޢާއިލާއަކަށް ނިސްބަތްވާ ހަ މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ދެ ނޫސްވެރިން ވެސް ހިމެނެއެވެ.
މީގެ އިތުރުން, ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ނުވަ މީހުން ޝަހީދު ކޮށްލިއެވެ. ޚާން ޔޫނިސަށް ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ގެދޮރު ނެތިކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ފޭލިގެ ކޭމްޕަކަށެވެ. އެ ޙަމަލާގައި ޝަަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނައެވެ.
މީގެ އިތުރުން, ޣައްޒާގެ އުތުރުގައި އޮތް ދަޔިރް އަލް-ބަލަޙަށް ދިން ދެ ޙަމަލާއެއްގައި އިތުރު ހަތަރު މީހުން ޝަހީދު ކޮށްލިއެވެ. ބަޔިތު ލާޙިޔާއަށް ދިން ޙަމަލާތައް ވެސް އަމާޒު ކޮށްފައި ވަނީ, ގެދޮރު ނެތިކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ އިމާރާތަކަށެވެ. ޣައްޒާގެ އުތުރުގެ ރަށްތައް ބަންދުކޮށްލައި, ޔަހޫދީ ފައުޖުން އެ ސަރަޙައްދަށް މެދުކެނޑުމެއް ނެތި ޙަމަލާ ދޭން ފަށާފައި ވަނީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އެ ޢުދުވާނުގެ ދަށުން އެ ސަރަޙައްދަށް ކާބޯތަކެއްޗާއި, ސާފު ބޯފެނާއި, އިންސާނީ އެހީގެ ސާމާނާއި ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުމަށް ވަނީ ހުރަސް އަޅާފައެވެ. ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫނާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ތާށިކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް މީހުންނަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ކަން އދން ވަނީ ހާމަކޮށްފައެވެ. އަދި, ކާބޯތަކެތި ހުސްވެ, އެ މީހުން ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު ވެސް އދން ވަނީ ކޮށްފައެވެ.
ޣައްޒާގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި, ހުޅަނގު އައްސޭރީގެ ރަށްތަކަށް ރޭޑު ޖަހަމުންނެވެ. ފަލަސްޠީނުގެ ވަފާ ނޫސް އޭޖެންސީން ބުނީ, ހުޅަނގު އައްސޭރީގެ ޢަޤްބާގައި ޔަހޫދީ ފައުޖުން ހިންގި ޤަތުލުޢާންމެއްގައި އުމުރުން 50 އަހަރުގެ ފިރިހެނަކަށް ޙަމަލާ ދީ, ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އޭނާގެ މެޔަށް ވަޒަން އަރައި, ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަމުގައި ފަލަސްޠީނުގެ އޮފިޝަލުން ބުންޏެވެ.
ފަަލަސްޠީނުގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާ ކުރަމުން މި ދަނީ, ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓައިލަން ގޮވައިލައި, ގިނަ އަދަދެއްގެ ޤައުމުން ތެދުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމަށް ގޮވައިލައި, ގިނަ އަދަދެއްގެ ޤައުމުން ދަނީ ސިޓީއެއްގައި ސޮއި ކުރަމުންނެވެ. އދގެ ސަލާމަތީ މަޖިލީހާއި ޢާންމު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކުރަމުންދާ ސިޓީގައި މިހާތަނަށް 50އަށްވުރެ ގިނަ ޤައުމުން ސޮއި ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,508އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,684 މީހުން ޒަޚަމު ކޮށްލާފައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,117އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,888އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.