ޚަބަރު

އިންޑިޔާގެ މަނީޕޫރުގައި ޙަމަލާ ބަދަލުކޮށް 10 މީހުން މަރައިލައިފި


އިންޑިޔާގެ ހުޅަނގުއުތުރު މަނީޕޫރު ސްޓޭޓްގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ހަތިޔާރު އެޅި ގުރޫޕަކަށް ނިސްބަތްވާ 10 މީހުން މަރައިލައިފިއެވެ. ފުލުހުން ބުނީ، ސަލާމަތީ ބާރުގެ ސިފައިން ހަތިޔާރު އަޅައިގެން ތިބި ބަޔަކަށް ޙަމަލާ ދީފައި ވަނީ، އެ ސްޓޭޓްގެ ފުލުހުންގެ މަރުކަޒަކަށް ޙަމަލާ ދިނުން ހުއްޓުވުމުގެ ގޮތުން ކަމުގައެވެ. ޙަމަލާ ބަދަލު ކުރުންތަކުގައި ސިފައިންގެ މީހަކު ޒަޚަމުވިއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، މަނީޕޫރުގައި ދިރިއުޅޭ މައި ދެ ދަރިކޮޅު ކަމުގައިވާ މެއިޓީއާއި ކުއްކީ ދަރިކޮޅުގެ މީހުންނާ ދެމެދު ބޮޑެތި އަދި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. 2023ވަނަ އަހަރުގެ މޭ މަހުން ފެށިގެން މަނީޕޫރުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 250އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި، 60,000އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.

"ހަތިޔާރު އެޅި ބަޔަކު މިއަދު މެންދުރު ފުލުހުންގެ މަރުކަޒަކަށް ޙަމަލާ ދިން،" މަނީޕޫރުގެ ޖިރީބާމް ޑިސްޓްރިކްޓުގައި ހިނގި ހާދިސާގެ މަޢުލޫމާތު ދެއްވަމުން އެ ސްޓޭޓްގެ ފުލުހުންގެ ކޮމިޝަނަރުގެ ނައިބު ކްރިޝުން ކުމާރު ވިދާޅުވިއެވެ. ސަލާމަތީ ބާރުގެ ސިފައިން ހަތިޔާރު އެޅި ގުރޫޕުގެ މީހުންނަށް ޙަމަލާ ދީފައި ވަނީ، އެ މީހުން އިސްވެ ފުލުހުންގެ މަރުކަޒަށް ޙަމަލާ ދިނުމުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މަރުކަޒަށް ޙަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ ކުއްކީ ދަރިކޮޅަށް ނިސްބަތްވާ ހަތިޔާރު އެޅި ގުރޫޕެއްގެ މެންބަރުން ކަމުގައި ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ހުސްވި ހަފުތާގައި ހިނގި އެހެން ހަމަނުޖެހުންތަކަކާ ގުޅިގެން އެ ސްޓޭޓްގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި ހަފުތާގައި ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން 31 އަހަރުގެ އަންހެނެއްގެ ހަށިގަނޑުގައި ހުޅުޖަހައި، މަރައިލާފައިވެއެވެ.

2.3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ މަނީޕޫރުގެ ދެ ދަރިކޮޅުގެ މެދުގައި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެއް ފަށާފައި ވަނީ ހުސްވި އަހަރުގެ ތެރޭގައެވެ. މަނީޕޫރުގެ މައި ވާދީގައި ދިރިއުޅެނީ މެއިޓީ ދަރިކޮޅުގެ މީހުންނެވެ. އަދި, އުސް ބިންތަކުގައި ދިރިއުޅެނީ ކުއްކީ ދަރިކޮޅުގެ ޢާއިލާތަކެވެ. ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އިންޑިޔާގެ އަސްކަރިއްޔާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ހުސްވި އަހަރު މެއިޓީއާއި ކުއްކީ ދަރިކޮޅުގެ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ, ކުއްކީ ދަރިކޮޅަށް ޤާނޫނީ ގޮތުން ދީފައިވާ އިނާޔަތްތަކާއި ފުރުޞަތުތައް މެއިޓީ ދަރިކޮޅުގެ މީހުންނަށް ފަހިކޮށްދިނުމަށް ކޯޓަކުން އަމުރު ކުރުމުންނެވެ. ކުއްކީ ދަރިކޮޅުގެ މީހުންނަށް ލިބިދީފައިވާ އިނާޔަތްތަކާއި ފުރުޞަތުތަކުގެ ތެރޭގައި އިޤުތިޞާދީ އަދި ވިޔަފާރީގެ ފުރުޞަތުތަކާއި, ސަރުކާރު ވަޒީފާތައް ހޯދުމުގެ ފުރުޞަތާއި, ތަޢުލީމީ ފުރުޞަތުތައް ހިމެނެއެވެ.