ޚަބަރު

ކަލްކަތާ ޑޮކްޓަރުގެ މަރު: ތުހުމަތުވާ މީހާގެ ޝަރިޢަތް ފަށައިފި


އިންޑިޔާގެ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގައި އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާގެ ޝަރިޢަތް ފަށައިފިއެވެ. ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރެއް ރޭޕުކޮށް މަރައިލާފައި ވަނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހުއެވެ. އެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިދާރާގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމުގައިވާ ސަންޖޭ ރޯއިއެވެ.

ޑޮކްޓަރުގެ މަރުގެ ތުހުމަތުގައި ރޯއިއާ ދެކޮޅަށް ހުސްވި ހަފުތާގައި ދަޢުވާ އުފުލުމުން، އޭނާ ވަނީ އެ ދަޢުވާއަށް އިންކާރު ކޮށްފައެވެ. އަދި، ފްރޭމު ކޮށްފައިވާ ކަމަށް ބުނެ، އޭނާއަކީ މައުސޫމު މީހެއް ކަމަށް ވަކާލާތު ކުރަމުންދާ ކަމުގައި ވެސް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.

ޝަރިޢަތުގެ މަޢުލޫމާތު އިނގޭ މީހުން ބުނީ، ޝަރިޢަތުގެ ތެރެއިން 128 ހެކިވެރިޔަކާ ސުވާލު ކުރެވޭނެ ކަމުގައެވެ. އެއީ، ރޯއިއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކެއް ކަން ސާފެއް ނޫނެވެ. ހެކިވެރިންގެ ތެރޭގައި މަރައިލާފައިވާ ޑޮކްޓަރުގެ ބައްޕަ ވެސް ހިމެނެއެވެ. މި މައްސަލައިގެ ހައްސާސް ކަމަށް ބަލައި، ޝަރިޢަތް އަވަސް ކުރަން މަސައްކަތް ކުރަމުންދާއިރު، ކޮންމެ ދުވަހަކު ވެސް ހެކިވެރިންނާ ސުވާލު ކުރުމަށް ޝަރިޢަތުގެ މަޖިލިސް ބާއްވަމުންދާ ކަމުގައި ވެސް މަޢުލޫމާތު އިނގޭ މީހުން ބުންޏެވެ. މި މައްސަލައިގެ ޝަރިޢަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ރޯއިގެ އިތުރުން، ޑޮކްޓަރުގެ މަރާ ގުޅިގެން އިތުރު ބަޔަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި މި މައްސަލައިގެ ތަޙުޤީޤުގައި ބައިވެރިވި ފުލުހުންގެ އިސް އޮފިސަރަކާއި، ޑޮކްޓަރުގެ ހަށިގަނޑުގެ ޓެސްޓުތައް ހަދާފައިވާ ހަސްފަތާލުގެ އިސް އޮފިޝަލަކު ހިމެނެއެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ހެކި ނައްތައިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައެވެ،

ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ހުޅަނގު ބަންގާލް ސްޓޭޓްގެ އިތުރުން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ. އަދި، އެ ސްޓޭޓްގެ ޑޮކްޓަރުންނާއި ޞިއްޚީ ޚިދުމަތްތެރިންގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ހަޅުތާލުކޮށް، ޞިއްޚީ ޚިދުމަތްތައް ހުއްޓުމަކަށް ގެނައެވެ. އެ ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ޖޫނިއަރ ޑޮކްޓަރުން ކުރަމުން ދިޔަ ހަޅުތާލު ހުއްޓައިލާފައި ވަނީ ސެޕްޓެންބަރު މަހުއެވެ. އަދި، ހައިހޫނު ކަމުގެ ހަޅުތާލު ހުއްޓައިލާފައި ވަނީ އޮކްޓޫބަރު މަހުއެވެ.

ހުޅަނގު ބަންގާލް ސްޓޭޓްގެ ޗީފް މިނިސްޓަރު މަމްތާ ބޭނަރްޖީ ވަނީ މުޒާހަރާ ކުރަމުން ދިޔަ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނާ ބައްދަލު ކުރައްވާފައެވެ. އަދި، އެ މީހުން އެދެމުން ދިޔަ ކަންކަން ފުއްދައިދިނުމަށް ވަޢުދުވެ ވަޑައިގަންނަވާފައެވެ. ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ފަށާފައިވާ ހަޅުތާލު ވަގުތީ ގޮތުން މެދުކަނޑައިލަން އެއްބަސްފައި ވަނީ, ސުޕްރީމް ކޯޓުން މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވެ, ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރުމަށް ޚާއްޞަ ޓާސްކުފޯހެއް އެކުލަވައިލާފައިވާ ދަނޑިވަޅެއްގައެވެ.

އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބޮޑެތި މުޒާހަރާތަކެއް ބާއްވާފައިވެއެވެ. އެ މުޒާހަރާތައް އިންތިޒާމު ކުރި ހަރަކާތުން ބުނީ, 25 ޤައުމެއްގެ 130އަށްވުރެ ގިނަ ރަށުގައި ބޭއްވި މުޒާހަރާތަކުގައި އިންޑިޔާ ދަރިކޮޅުގެ އެތަކެއް ހާސް ބަޔެއްގެ އިތުރުން އެ ޤައުމުތަކުގެ ރައްޔިތުން ވެސް ބައިވެރިވި ކަމުގައެވެ.

2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އެ ޤައުމުގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.