އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ވަނީ 29.1 ބިލިޔަން ރުފިޔާވަނީ ލިބިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެގޮތުގައި ލިބުނު 28.6 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %1.5 އިތުރު އަދަދެކެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 10 މަސް ދުވަސްތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 29.1 ބިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 22.3 ބިލިޔަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 6.2 ބިލިޔަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 565 މިލިޔަން ރުފިޔާއެވެ.
ޓެކްސް އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
• އިމްޕޯޓް ޑިއުޓީ: 2.6 ބިލިޔަން ރުފިޔާ
• ބީޕީޓީ: 5.7 ބިލިޔަން ރުފިޔާ
• ޖީއެސްޓީ: 11.9 ބިލިޔަން ރުފިޔާ
• ގްރީން ޓެކްސް: 880.1 މިލިޔަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް: 930 މިލިޔަން ރުފިޔާ
މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މިއަހަރަގެ ފުރަތަމަ 10 މަސް ދުވަސްތެރޭ ދައުލަތުގެ ޚަރަދުތައް ހުރީ 41.1 ބިލިޔަން ރުފިޔާގައެވެ.
ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 27.9 ބިލިޔަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 11.1 ބިލިޔަން ރުފިޔާއެވެ.
ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 11.2 ބިލިޔަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 16.5 ބިލިޔަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.