ޚަބަރު

ރައީސްގެ އިސްނެންގެވުމާއެކު ޞިއްޙީ ދާއިރާގެ މިސްރާބު ހުރީ އިންޤިލާބީ ބަދަލަކާ ދިމާލަށް: ޞިއްޙަތާ ބެހޭ ވަޒީރު


  • އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި

  • އަންނަ އަހަރު މުހިންމު މަޝްރޫޢުތަކެއް ފެށުމަށް ރޭވިފައިވާކަމަށް ވަޒީރު ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ޞިއްޙީ ދާއިރާގެ މިސްރާބު ހުރީ އިންޤިލާބީ ބަދަލަކާ ދިމާލަށްކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއިން ފުރަތަމަ އެއް އަހަރު ދުވަހު ހޯއްދަވާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ޞިއްޙީ ދާއިރާވެސް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް މިވަގުތު ހުރި ގޮންޖެހުންތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެވިގެންކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މިދާއިރާއިން މިހާތަނަށް ކުރެވުނު މަސައްކަތުން ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒުހުރީ ޞިއްޙީ ނިޒާމަކަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އެންމެ ބޮޑެތި އާބާދީތަކުން ފެށިގެން އެންމެ ކުދިކުދި އާބާދީތަކުގައިވެސް ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ.

އެގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކުރުމާއި، ކޮލެޓީ ބޭސް ރާއްޖެއަށް ގެނައުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް އެއީ ވަރަށް ކުދިކުދި އާބާދީތަކުގައި ބޮޑެތި ހޮސްޕިޓަލްތައް ޤާއިމުނުކުރެވޭނެކަން. އެހެންނަމަވެސް ކަށަވަރުކުރަން ބޭނުންވަނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން މި އެންމެންނަށް ޞިއްޙީ ފަރުވާ ލިބޭނެކަން އިނގޭތޯ. އެހެންވީމަ އެ ބީދައިން ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބައްޓަންކުރެވިފައިވަނީ." ވަޒީރު ވިދާޅުވިއެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ، ޞިއްޙީ ދާއިރާއިން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީ، ހުއްޓިފައި ނުވަތަ މަޑުޖެހިފައި ހުރި މަޝްރޫޢުތައްވެސް އަލުން ހިނގައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ، އާސަންދަ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ފަށަށާފައިވާ މަސައްކަތްތަކާއެކު އެ ނިޒާމުގެ ތެރެއިން ހުރި ބާގަނޑުތައް ދެނެގަނެވި، ކުރެވޭ އިސްރާފު ބޮޑުތަނުން ސަލާމަތްކުރެވޭނެކަމަށެވެ. އަދި އެ ސަލާމަތްކުރެވޭ ފައިސާ މި ދާއިރާގެ އެހެނިހެން ކަންކަން ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ މިހާ ކުރީކޮޅު މިފަދަ މުހިންމު ސިޔާސަތުތަކެއް މި ދާއިރާއިން ތަންފީޒުވެގެންދާކަމީ އެމަނިކުފާނު މި ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަން ދޭހަވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ އަހަރަކީ މި ސަރުކާރުން ހުށަހަޅާ ފުރަތަމަ ބަޖެޓްކަން ފާހަގަކުރައްވާ، ރައީސްގެ އިސްނެންގެވުމާއެކު މި ދާއިރާއިން އަމާޒު ހިފާފައިވަނީ އިންޤިލާބީ ބަދަލަކާ ދިމާލަކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.