ޚަބަރު

ތުރުކީއާއެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ކުރީކޮޅު އަމަލުކުރަން ފަށަނީ


  • ތުރުކީއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ މިމަހުގެ 4ވަނަ ދުވަހު

ތުރުކީވިލާތާއެކު ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި އަމަލުކުރަން ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްއިން ގެނެސްދޭ ހަފްތާ52 ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ.

ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައި ގުޅޭ ތަފްސީލްތައް ހިއްސާކުރައްވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ އަދަދެއްގެ މުދާ ތުރުކީވިލާތުން ރާއްޖެއަށް ގެންނަ މުދާ، ޑިއުޓީ ފްރީވެގެންދާނެ، މިއީ އިންވެސްޓަރުންނަށާއި ރިސޯޓު ތަރައްޤީކުރާ ފަރާތްތަކަށާއި އާއްމު ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް،" ވަޒީރު ވިދާޅުވިއެވެ.

ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންއާ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ތުރުކީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. ދިވެހިރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ތުރުކީގެ އިތުރުން ޗައިނާ އާއި އެކުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަނުންނެވެ. ވަޒީރު ސައީދު ވިދާޅުވީ މިއީ ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ޗައިނާއިން ރާއްޖެއަށް އެތެރެކުރާ 95% އާއި ހަމައަށް ޑިއުޓީ ކުޑަކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްކުރަންޖެހޭ މަސައްކަތްތައް ފެއްޓެވިއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މިިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ސަރުކާރުން ލަފާކުރައްވައެވެ.