ޚަބަރު

ރަޝިޔާއިން އުތުރު ކޮރެޔާއަށް ހަތިޔާރު ފޯރުކޮށްދޭ: ދެކުނު ކޮރެޔާ


ރަޝިޔާއިން އުތުރު ކޮރެޔާ (ޑީޕީއާރްކޭ)އަށް މިސައިލް ފޯރުކޮށްދެމުންދާ ކަމަށް ދެކުނު ކޮރެޔާއިން ތުހުމަތުކޮށްފިއެވެ. ދެކުނު ކޮރެޔާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޝިން ވޮން-ޝިގް ވިދާޅުވީ، ރަޝިޔާއިން ޑީޕީއާރްކޭއަށް ގިނަ އަދަދެއްގެ މިސައިލް ފޯރުކޮށްދެމުންދާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި މަތިންދާބޯޓުތައް ފަދަ ވައިގެ އަމާޒުތަކާ ދެކޮޅަށް ބޭނުން ކުރާނެ މިސައިލާއި ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ ހަތިޔާރު ހިމެނޭ ކަމުގައެވެ. އޭނާ މި މޭރުމުން ތުހުމަތު ކުރައްވާފައި ވަނީ، ދެކުނު ކޮރެޔާގެ އެސްބީއެސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރަޝިޔާއިން ޑީޕީއާރްކޭއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް ޝިން ތުހުމަތު ކުރައްވާފައި މި ވަނީ، ޑީޕީއާރްކޭގެ ސިފައިން ރަޝިޔާގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ދެކުނު ކޮރެޔާއިން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޑީޕީއާރްކޭގެ 10,000އަށްވުރެ ގިނަ ސިފައިން ރަޝިޔާގައި ތިބި ކަމުގައި ދެކުނު ކޮރެޔާގެ އިތުރުން އެމެރިކާއާއި، ޔޫކްރެއިން އަދި ވިލާތުގެ ޤައުމުތަކުން ދަނީ ބުނަމުންނެވެ. އަދި، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ބޮޑު ހަނގުރާމައެއް ފަށާފައިވާ މި ދަނޑިވަޅުގައި، އެ ޤައުމުތަކުން ދަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޝިން ވިދާޅުވީ، ރަޝިޔާއިން ޑީޕީއާރްކާއަށް އަސްކަރީ އެހީގެ އިތުރުން އިޤުތިޞާދީ ދާއިރާއިން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ. އޭނާ މި މޭރުމުން ތުހުމަތު ކުރައްވާފައި މި ވަނީ، ދާދި ފަހުން ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޕްޔުންގޔަންގަށް ލިބޭ ފައިދާއަކީ ކޮބައިތޯ ސުވާލު ކުރުމުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޑީޕީއާރްކޭއަށް އެއްވެސް މަންފާއެއް ލިބުމަކީ އެމެރިކާ އަދި ހުޅަނގުން ރުހޭ ކަމެއް ނޫނެވެ.

"އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ ގޮތުގައި އަސްކަރީ ޓެކްނޮލޮޖީގެ ދާއިރާއިން އެންޓި-އެއަރކްރާފް މިސައިލް [މަތިންދާބޯޓުތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރާނެ މިސައިލް] އުތުރު ކޮރެޔާއަށް ވަނީ ފޯރުކޮށްދީފައި، އަދި ޕްޔުންގޔަންގުގެ ވައިގެ ދިފާޢީ ނިޒާމު ހަރުދަނާ ކުރަން ބޭނުންވާ ސާމާނު ވެސް ހިމެނޭ،" ޝިން ވިދާޅުވިއެވެ.

ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އަސްކަރީ އަދި ދިފާޢީ ގުޅުންތައް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޖޫން މަހު ޕްޔުންގޔަންގއަށް ކުރެއްވި ދަތުރުފުޅެއްގައި ޑީޕީއާރްކޭގެ ޒައީމް ކިމް ޖޮންގ އުނާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ, ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއާ ދެކޮޅަށް އެއްވެސް ޤައުމަކުން, ނުވަތަ ޤައުމުތަކަކުން, ޙަމަލާދީފި ނަމަ, ނުވަތަ ހަނގުރާމަ ފަށައިފިނަމަ, އުތުރު ކޮރެޔާއާއި ރަޝިޔާއިން އެއް ޤައުމުން އަނެއް ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވާ ކަމުގައެވެ. މިއީ ހުޅަނގުގެ ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް، ހަޖަމު ކުރެވޭ ގުޅުމެއް ނޫނެވެ.

ޝިން ވިދާޅުވީ، އުތުރު ކޮރެޔާގެ ޖައްވީ ސެޓެލައިޓް ޕުރޮގުރާމު އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމަށް ބޭނުންވާ އަސްކަރީ ޓެކްނޮލޮޖީ، ރަޝިޔާއިން އެ ޤައުމަށް ފޯރުކޮށްދެމުންދާ ކަމުގައެވެ. އެއީ، ޑީޕީއާރްކޭން ހިންގަމުންދާ ޖާސޫސީ ސެޓެލައިޓް ޕުރޮގުރާމު ހަރުދަނާ ކުރުމަށް ބޭނުންވާ ސާމާނު ހިމެނޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވަން ޑީޕީއާރްކޭން މި އަހަރު ކުރީކޮޅު ކޮށްފައިވާ މަސައްކަތްތައް ފޭލުވެފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

ރަޝިޔާގައި އުތުރު ކޮރެޔާގެ ސިފައިން ތިބުމަކީ ވެސް ދެކުނު ކޮރެޔާގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީޔޫ) އަދި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ކަންބޮޑުވާ މައްސަލައެކެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ދަށުން އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައި، އެ ސަރަޙައްދުގެ ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވީ، އެ ސަރަޙައްދުގައި ޑީޕީއާރްކޭގެ 10,900އެއްހާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، ޑީޕީއާރްކޭގެ ސިފައިން ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ. ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެ، ޔޫކްރެއިންގެ ސިފައިން ވެސް ވަނީ ރަޝިޔާގެ ބިންތަކަށް ވެރިވެގަންނަވަމުންނެވެ.