ޚަބަރު

48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 120 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖާރީމާގެ ދަށުން ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 120އަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގެ ޞިއްޚީ ޚިދުމަތްތެރިން ބުނީ، ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގެ ތެރެއިން ހަސްފަތާލަކަށް ބޮންއަޅައި، ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް ޢަދްވާނީ ހަސްފަތާލަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެ ތަނުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ބައެއް މީހުން ޒަޚަމު ކޮށްލިއެވެ. އަދި، އެ ތަނުގައި ބޭނުން ކުރާ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ.

ކަމާލް ޢަދްވާނީ ހަސްފަތާލަކީ، ޣައްޒާގެ އުތުރުގައި މި ވަގުތު ޚިދުމަތްދޭ ތިން ހަސްފަތާލުގެ ތެރެއިން އެއް ތަނެވެ. އެ ސަރަޙައްދުގައިވާ އެހެން ހުރިހާ ހަސްފަތާލަކާއި ޞިއްޙީ މަރުކަޒެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ކަމާލް ޢަދްވާނީ ހަސްފަތާލުގެ ޑިރެކްޓަރ ޙުސާމް އަބޫ ޞަފިއްޔާ ވިދާޅުވީ އެ ތަނަށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތަކެއް ދިނުމުގެ ބޭނުމަކީ އެ ތަން ހުސްކޮށް، ޞިއްޙީ ޚިދުމަތްތަކަށް ހުރަސް އެޅުން ކަމުގައެވެ. އަދި، އެ ތަނުގައި ތިބި ބަލިމީހުން ދޫކޮށްފައި ދިޔުމަށް ހަސްފަތާލުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ދެކޮޅު ހަދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އިއްޔެ [ހުކުރު ދުވަހު]، މެންދުރުން ފެށިގެން ދަންވަރާ ޖެހެންދެން، ހަސްފަތާލުގެ މައި ދޮރާއި، އެމަރޖެންސީ ޚިދުމަތްދޭ ސަރަޙައްދުގެ އިތުރުން ރިސެޕްޝަނަށް އަމާޒުކޮށް އެތަކެއް ފަހަރު ޙަމަލާ ދީފައިވޭ،" އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި އެ ތަނުގައި މަސައްކަތް ކުރާ 12 ޞިއްޙީ ޚިދުމަތްތެރިން ޒަޚަމު ކޮށްލާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި އެ ހަސްފަތާލަށް ބޮޑެތި ގެއްލުންތަކެއް ވެސް ދީފައިވެއެވެ. މި ގޮތުން، އެ ތަނަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރާއި، ބަލިމީހުންނަށް އޮކްސިޖަން ފޯރުކޮށްދޭން ބޭނުން ކުރާ ވިއުގައިގެ އިތުރުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަން ޞަފިއްޔާ ހާމަކުރެއްވިއެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ބުނީ އެ ހަސްފަތާލަށް އެއްވެސް ފަހަރަކު ޙަމަލާތައް އަމާޒުކޮށްފައި ނުވާނެ ކަމުގައެވެ.

ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދީފައިވެއެވެ. މި ގޮތުން، ޣައްޒާ ސިޓީގެ ޒަޔިތޫން ސަރަޙައްދަން ދިން ޙަމަލާތަކެއްގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތް މީހުން ޝަހީދު ކޮށްލިއެވެ. އަދި، ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އިތުރު ސިފައިން ފޮނުވައި، އެއްގަމު މަގުން ހިންގަމުންދާ ޤަތުލުޢާންމު ވެސް އިތުރަށް ފުޅާކޮށްފައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުން ދިޔަ މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. މިޞްރާއި ޤަޠަރުން މެދުވެރިންގެ ގޮތުގައި ވިލަރެސް ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓުވައިލާފައި ވަނީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. މި ކަމާ ގުޅިގެން ޤަޠަރުން ވަނީ މަޝްވަރާތައް ވިލަރެސް ކުރުން މަޑުޖައްސައިލާފައިވާނެ ކަން އިޢުލާނު ކޮށްފައެވެ.

ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުން ބުނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުން، ޔަހޫދީންނަށް އެ ޖަމާޢަތުގެ މުޖާހިދުން ދެމުންދާ ޙަމަލާތައް ހުއްޓައިލާނެ ކަމުގައެވެ. އަދި، ރަހީނު ކޮށްފައި ތިބި އަސީރުން މިނިވަން ކުރާނެ ކަމުގައެވެ. ނަމަވެސް، އަނިިޔާވެރި ނަތަންޔާހޫ ބުނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލާނީ ޙަމާސް ޖަމާޢަތް ނައްތައިލުމަށް ފަހު ކަމުގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44,176އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 104,473 މީހުން ޒަޚަމު ކޮށްލާފައެވެ.