ފަތުރުވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން މިހާތަނަށް 11 ރަށެއް ދޫކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްގެ ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިޞަލް ވިދާޅުވީ މިހާތަނަށް ގާތްގަނޑަކަށް 25 ރަށް ފަތުރުވެރިކަމަށް އަލަށް ހުޅުވާލި ކަމަށެވެ. އަދި އޭގެތެރެއިން 11 ރަށެއް ދޫކޮށްފައިވާކަމަށާއި މިރަށްތަކުގެ އެވޯޑު ލެޓަރވެސް މިހާރު ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ގާތްގަނޑަކަށް 385 މިލިޔަން ޑޮލަރުގެ އިންވެސްޓުމަންޓެއް. އެވޯޑު ލެޓަރ ހަވާލުކޮށްފައިވާ ބައެއް ތަންތަނުން މިހާރު ލާރިވެސް ދައްކައިފި. އެންމެ ބޮޑު ހިތްހަމަ ޖެހުމަނީ ގިނައިން ރަށްތައް ނަގާފައި ހުރީ ދިވެހިންނަށް ކަމަށްވާތީ،" ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރުވެފައިވާއިރު، މި ސިނާއަތް އަދިވެސް މުޅި ރާއްޖެއަށް ފުޅާވެފައި ނުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމަށް ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދާ އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މަރކެޓިންގެ ޕްލޭނެއްވެސް އެކުލަވާލުވުމުގެ މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ލޯކަލް ޓޫރިޒަމްގެ ތެރެއިންނާއި ރިސޯޓުތަކުން 4000-6000 ދެމެދުގެ އަދަދަކަށް އެނދު އުފައްދާ، އެތަންތަނަށް އެއަރޕޯޓުތައް ގެންގޮސް، ޒުވާނުންނަށް ވަޒީފާތައް އުފެދިގެންދާނެ،" ވަޒީރު ފައިސަލް ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ނިމޭއިރު، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. މިއާއެކު ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްތައްވެސް ބާރު ދުވެއްޔެއްގައި ކުރެވެމުންދާކަމަށް ފަތުރުވެރިކަމަބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.