މިއަހަރު ނިމޭއިރު އެމްޕީއެލްގެ އާމްދަނީ 100 މިލިޔަން ރުފިޔާއަށް އެރުވުމަކީ އަމާޒެއްކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި އެމްޕީއެލްގެ ސީއީއޯ ވަނީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ކުންފުންޏާ ހަވާލުވުމަށްފަހު އެ ކުންފުނީގެ އާމްދަނި އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމެވިކަމަށެވެ. އަދި އެމްޕިއެލްއިން ކުރަމުން ދިޔަ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ދެވެނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް ފެއްޓެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޖީހު ވިދާޅުވީ މިވީ އަހަރުގެ ތެރޭގައި 1000 ކޮންޓެއިނަރ އެމްޕީއެލްގައި ރައްކަކުރެވޭނެ އިންތިޒާމް ހަމަޖެއްސެވިކަމަށެވެ. ވަޖީހު ވަނީ ވެތުވެދިޔަ އެއްހަރުގެ ތެރޭގައި އެމްޕީއެލްގެ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން މަހެއްގެ މައްޗަށް 60 އާއި 70 މިލިޔަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބުނުނަމަވެސް އަދުގެ ސަރުކާރުގެ ފުރުތަމަ 1 އަހަރުގެ ތެރޭގައި އެ އަދަދު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިިދިޔަމަހު ކުންފުނީގެ އާމްދަނީ 92 މިލިޔަން ރުފިޔާއަށް އަރާފައިވާކަމަށާއި މިއަހަރު ނިމޭއިރު 100 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދުމަކީ އަމާޒެއްކަމަށް ވަޖީހު ވިދާޅުވިއެވެ.
"70 މިލިޔަން ދަށުގައި ހުރި އާމްދަނީ މިވަނީ އިތުރުވެފައި. އެމްޕީއެލްގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެ ވަރަށް ރަނގަޅަށް ކުރިއަރައިގެން ދާނެ. މިއީ ރައީސްގެ ވެރިކަމުގައި ބެނުންވީ މެރިޓައިމް ދާއިރާ ފުޅާކޮށް ރާއޖޭގެ އިޤްތިޞާދަށް ރަނގަޅު މަންފާއެއް ކުރާނެކަމެއްގެ ގޮތުގައި މެރިޓައިމް ދާއިރާ ހެދުން" އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވިއެވެ.
އާމްދަނީ އިތުރުކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޖީހު ވަނީ މެރިޓައިމްގެ ދާއިރާއަށް ބަދަލު ގެނައުމުގެ ގޮތުން ބަންކަރިންގެ ޚިދުމަތް ފަށާ މި ޚިދުމަތް ފުޅާ ކުރުމަށް މަސައްކަތް ފަށާފައިވާކަަމަށެވެ. އަދި މިއީ އިޤްތިޞާދަށް ބޮޑު އާމްދަނީއެއް ގެންނުވާނެކަމެއްކަމަށާއި ސީ-ޓު އެއަރ ކާގޯ ޚިދުމަތް ފެށުމާއެކުވެސް އެމްޕީއެލްއަށް ފައިދާވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވަޖީހު ވަނީ މިވޭތުވެދިޔަ 1 އަހަރުގެ ތެރޭ ލޮޖިސްޓްިކްގެ ޚިދުމަތް ފަށާފައިވާކަމަށާއި ބޮންޑުގެ ޚިދުމަތް ފަށައި 1 އަހަރުދުވަހުގެ ތެރޭ 150 ކޮންޓެއިނަރ ނެރެފައިވާކަމަށް ވިދާޅުވެފައެވެ.
އެމްޕީއެލްގެ ޑޮކްޔާޑްގެ އިތުރަށް ބޯޓު ޔާޑުންވެސް އާމްދަނީ ލިބެމުންދާކަމަށާއި އެ ޚިދުމަތް ފުޅާކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަންވެސް އެކުންފުނީގެ ސީއީއޯ ފާހަގަކުރެއްވިއެވެ.