ޚަބަރު

އަންނަ އަހަރު 2.4 މިލިޔަން ފަތުރުވެރިން ގެނެވޭނެކަމަށް ލަފާކުރެވޭ: ފަތުރުވެރިކަމާބެހޭ ވަޒީރު


  • މިއަހަރުގެ އަމާޒަކީ 2 މިލިޔަން ފަތުރުވެރިން

  • ބަޖެޓުގައި ބުނެފައިވަނީ އަންނަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ގެނެވޭނެކަމަށް

  • ނަމަވެސް ވަޒީރު ލަފާކުރަނީ 2.4 މިލިޔަން ފަތުރުވެރިން ގެނައުމަށް

އަންނަ އަހަރު ރާއްޖެއަށް 2.4 މިލިޔަން ފަތުރުވެރިން ގެނެވޭނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްގެ "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވަނީ އަންނަ އަހަރުތެރޭގައި ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. ވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒިރު އިބްރާހީމް ފައިޞަލް ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތްތަކާއެކު އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ފާގަތި އަހަރަކަށްވާނެކަމަށެވެ.

"މެޖަރ މަރކެޓުތައްކަމަށްވާއިރު، ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު، ވަރަށް ބޮޑު ކުރިއެރުންތަކެއް މިހާރުވަނީ ހޯދާފައި، ޗައިނާ، ޖަރުމަންވިލާތް، ރަޝިއާ ފަދަ މާރކެޓުތަކުން އަރައިވަލްސްވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" ވަޒީރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އައު މަރކެޓުތަކަށް އަމާޒުކޮށް ހަރަކާތްތައް ހިންގުމަށް ނިންމާފައިވާކަމަށެވެ. މިއާއެކު އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުކުރެވިދާނެކަމަށް ލަފާކުރައްވަމުން ވަޒީރު ވިދާޅުވީ އެ ޢަދަދު 2.4 މިލިޔަނަށް އެރުވުމަކީ ޢަމާޒެއްކަމަށެވެ.

މިއަހަރު ސަރުކާރުން އަމާޒުކޮށްފައިވަނީ ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގައި އައު ރެކޯޑެއް ގާއިމްކުރުމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ޑިސެންބަރުމަހުގެ 26ވަނަ ދުވަހު ރާއްޖެއަށް މިއަހަރުގެ 2 މިލިޔަންވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެ ކަމަށެވެ.

"ސީޒަންތެރެވީމައި، ބައެއް ދުވަސްތަކުގައި 8000 ފަތުރުވެރިންވެސް އަންނާނެކަމަށް ލަފާކުރެވޭ. މިއަހަރު އެއް މިލިޔަން ފަތުރުވެރިން ހާސިލްކުރީ މިއަހަރު އެއްމަސްކުރިން، އެހެންކަމުން މިއަހަރު 2 މިލިޔަން ޕްލަސްކުރެވޭނެ އަދަދުތައް" ވަޒީރު ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޖުމްލަ 1،797،028 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1،646،327 ފަތުރުވެރިންނާ އަޅާ ބަލާއިރު %9.2 އިތުރު ޢަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިއަހަށް ހިފާފައިވާ އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 353،673 ފަތުރުވެރިންނެވެ.