ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ ރަށްބޭރުގައި ހިނގި ކުރިމަތިލުންތަކެއްގައި ފުލުހަކު މަރުވެއްޖެއެވެ. ހަމަނުޖެހުންތައް ފެށުނީ، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާޢީދު ކުރާ މީހުން ބާއްވަން އުޅުނު މުޒާހަރާއަކަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެންނެވެ. މުޒާހަރާތަކުގައި ބައިވެރިވުމަށް އިސްލާމްއާބާދަށް ދަތުރު ކުރި ޚާނަށް ތާޢީދު ކުރާ މީހުންނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ވަނީ އެ ރަށަށް ވަދެނިކުމެ ހެދެން އޮތް މަގުތައް ބަންދުކޮށްފައެވެ. ހަމަނުޖެހުންތަކުގައި ޢާންމުންގެ 12 މީހަކު ޒަޚަމުވިއެވެ.
މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން އިސްލާމްއާބާދު ބަންދު ކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ޚާނަށް ތާޢީދު ކުރާ މީހުންނާއި އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި)ގެ މެންބަރުން ރާވާފައި އޮތީ، އިސްލާމްއާބާދުގައި ހުންނަ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށް އެއްވުމަށެވެ. އެ ސަރަޙައްދުގައި މުޒާހަރާ ކުރުމުގެ ބޭނުމަކީ، ޖަލުގައި ހުންނެވި ޚާން މިނިވަން ކުރުމަށް ސަރުކާރަށް ބާރު އެޅުމެވެ. އެ ކަމަށް ގޮވައިލައްވާފައި ވަނީ ޚާނެވެ.
މުޒާހަރާތަކަށް ހުރަސް އެޅުމުގެ ގޮތުން އިސްލާމްއާބާދަށް ވަދެނިކުމެ ވެވެން އޮތް ބޮޑެތި މަގުތައް ބަންދު ކުރުމަށް ފުލުހުން ވަނީ މުދާ އުފުލާ ކޮންޓެއިނަރު ފަދަ ތަކެތި ޖަހާފައެވެ. އަދި، މުޒާހަރާގައި ބައިވެރިވުމަށް އިސްލާމްއާބާދަށް ދަތުރު ކުރަމުން ދިޔަ މީހުން ހުއްޓުވުމަށް އެތަކެއް ހާސް ފުލުހުންނާއި ސިފައިން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، ފުލުހުން ވަނީ ބޭރު ރަށްތަކުން އިސްލާމްއާބާދަށް ދަތުރުކުރާ ރޭލުތަކާއި ބަސްތައް ވެސް ހުއްޓުވާފައެވެ.
"ވެރިރަށަށް ގަަދަބާރުން ވަނުމުގެ ފުރުޞަތު އެ މީހުންނަކަށް ނުދެވޭނެ،" އެ ސަރަޙައްދުގެ ޕްރޮވިންޝަލް ސަރުކާރުގެ މުއާޞަލާތާ ބެހޭ ވަޒީރު އުޒްމާ ބުޚާރީ ވިދާޅުވިއެވެ. މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ 80އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 12 މީހަކު ވަނީ ޒަޚަމުވެފައެވެ. ބުޚާރީ ވިދާޅުވީ 70އެއްހާ ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގައެވެ.
ޕާކިސްތާންގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، އިސްލާމްއާބާދަށް ވަދެނިކުމެ ހެދެން އޮތް މަގުތައް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައި ވަނީ ބެލަރުސްގެ ރައީސް އަލެކްސާންދްރަ ލުކަޝެންކާ އެ ޤައުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް ކަމުގައެވެ. ބެލަރުސްގެ ޚާރިޖީ ވަޒީރާއި ސަރުކާރުގެ ވަފުދެއް ނޮވެންބަރު 24ވަނަ ދުވަހު އިސްލާމްއާބާދަށް ގޮސްފައިވާ ކަމުގައި ވެސް އެ އޮފީހުން ބުންޏެވެ.
ޚާންގެ ޕީޓީއައިން ބުނީ، މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި ސަރުކާރުން އަނިޔާވެރިކަން އިސްކޮށްފައިވާ ކަމުގައެވެ. އަދި، އެތަކެއް ސަތޭކަ ބަޔަކު ހައްޔަރަށް ގެންގޮސްފައިވާ ކަމުގައެވެ. "އެ މީހުން ދަނީ ޢާންމުންނާ ދިމާއަށް ބަޑީގެ ޙަމަލާތައް ދެމުން،" ޚާންގެ އިސް މުޝީރެއް ކަމުގައިވާ ޝައުކަތު ޔޫސުފްޒަޔީ ވިދާޅުވިއެވެ. ނަމަވެސް، ފުލުހުން ބުނީ، މުޒާހަރާތައް ބާއްވަން މަސައްކަތް ކޮށްފައި ވަނީ އިސްލާމްއާބާދުގައި އެއްވެ އުޅުން މަނާކޮށްފައިވާ ދަނޑިވަޅަކާ ދިމާކޮށް ކަމުގައެވެ.
ޕީޓީއައިގެ މުޒާހަރާތަކާ ގުޅިގެން އިސްލާމްއާބާދުގެ އިތުރުން، އެ ރަށާ އިންވެގެން އޮތް ރާވަލްޕިންދީގައި ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. އަދި، އެ ދެ ރަށުގެ މަދަރުސާތައް ބަންދު ކޮށްފައިވާއިރު، ފުލުހުން ވަނީ އިންޓަރނެޓުގެ ބައެއް ޚިދުމަތްތަކާއި، މުއާޞަލާތު ކުރަން ބޭނުން ކުރާ ވަޓްސްއެޕް ފަދަ ވަސީލަތްތައް ބޭނުން ކުރުމަށް ވެސް ހުރަސް އަޅާފައެވެ.