ޚަބަރު

މިސްކިތެއްގެ ސަރވޭއަށް ހުރަސް އެޅިކަމަށް ބުނެ އިންޑިޔާގައި ހަތަރު މުސްލިމުން މަރައިލައިފި


މީގެ އެތަކެއް ގަރުނެއް ކުރިން އިންޑިޔާގެ އުތާރް ޕްރަދޭޝްގެ ސަމްބަލްގައި ބިނާކޮށްފައިވާ މިސްކިތެއް ހުރި ބިން ސަރވޭކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގައި ހަތަރު މުސްލިމުން މަރައިލައިފިއެވެ. ސަމްބަލްގައި ހުންނަ ޝާހީ ޖާމިޢު މިސްކިތަކީ 16ވަނަ ގަރުނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މުގަލް ޚާންދާނުގެ ވެރިކަމުގައި ބިނާ ކޮށްފައިވާ އެ މިސްކިތަކީ ޤާނޫނީ ގޮތުން ޙިމާޔަތް ކޮށްފައިވާ ތާރީޚީ ބިނާއެކެވެ.

ހަމަނުޖެހުންތައް ހިނގާފައި ވަނީ މިސްކިތުގެ ދިފާޢުގައި ނިކުތް މުސްލިމުންނާއި ފުލުހުންނާ ދެމެދުގައެވެ. މިސްކިތް ހުރި ބިން ސަރވޭކުރުމާ ދެކޮޅަށް މުޒާހަރާ ކުރަން ނިކުތް މީހުން ބުނީ، އެ މީހުންނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި، އެ މީހުންނާ ދިމާއަށް ބަޑި ޖަހާފައިވާ ކަމުގައެވެ. ފުލުހުންގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ފުލުހުން ވަނީ ސަމްބަލުން އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލައި، މަދަރުސާތައް ބަންދުކޮށްފައެވެ. އަދި، ކަރފިޔު އިޢުލާނު ކޮށްފައެވެ.

މިސްކިތް ހުރި ބިމުގެ ސަރވޭއެއް ހެދުމުގެ ހުއްދަ ދީފައި ވަނީ އުތާރް ޕްރަދޭޝްގެ ކޯޓަކުން، އިންސާނުން އަމިއްލައަށް ހަދާފައިވާ ބުދަށް އަޅުކަން ކުރާ ހިންދީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، މިސްކިތް ބިނާކޮށްފައިވާ ބިމަކީ، ކުރިން ހިންދީންގެ ބުދުފައްޅިއެއް ހުރި ބިމެއް ކަމަށް ބުނެއެވެ.

ސަރވޭ ހެދުމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ މީހުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ފެށުނު ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ވެސް ވަނީ ފުލުހުންނަށް ޙަމަލާދީފައެވެ. އަދި، އެއްގަމު އުޅަނދުފަހަރުގައި ހުޅުޖަހައި، ފުލުހުންނާ ދިމާއަށް ގައު ފަދަ ތަކެތި އުކާފައެވެ. ބަޑިން ޙަމަލާދީ، މުޒާހަރާގެ ބައިވެރިންގެ ހަތަރު މީހުން މަރައިލާފައިވާ ކަމުގައި މުޒާހަރާގެ ބައިވެރިން ބުނި ނަމަވެސް، ފުލުހުން އެ ކަން ދޮގު ކުރެއެވެ. "އެއްވެސް މީހެއްގެ ފުރާނަ ނަގައިލެވޭނެ ފަދަ ހަތިޔާރެއް ބޭނުން ކޮށްފައެއް ނުވާނެ،" އުތާރް ޕްރަދޭޝްގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ކްރިޝުން ކުމާރު ވިދާޅުވިއެވެ.

ހިންދީން ދަޢުވާ ކުރާ ގޮތުގައި ޝާހީ ޖާމިޢު މިސްކިތް ބިނާ ކޮށްފައި ވަނީ އެ ތަނުގައި ކުރިން ހުރި ހަރީހަރް ފައްޅި ތަޅައިލުމަށް ފަހު 1520ގެ އަހަރުތަކުގެ ތެރޭގައެވެ. ފައްޅި ތަޅައިލާފައި ވަނީ އެއިރު އިންޑިޔާގައި ވެރިކަން ކުރި މުގަލް ޚާންދާނުގެ ރަސްގެފާނު ބާބުރީ ކަމުގައި ވެސް ހިންދީން ތުހުމަތު ކުރެއެވެ. މި ދަޢުވާއާ ގުޅޭ މައްސަލަތައް ކޯޓުތަކަށް ހުށަހަޅާފައިވާއިރު، މުސްލިމް ގުރޫޕުތަކުން ދަނީ އެ ދަޢުވާތަކާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ކުރަމުންނެވެ.

ޝާހީ ޖާމިޢު މިސްކިތް ހުރި ބިމުގެ ސަރވޭއެއް ހެދުމަށް ކޯޓުން ހުއްދަ ދިނުމާ އެކު، އުތާރް ޕްރަދޭޝްގައި ވެރިކަން ކުރާ ބަހަރްތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)ން ވަނީ ވަގުތުން އެ މަސައްކަތް ފަށާފައެވެ. މިއީ، 1991ވަނަ އަހަރު އިންޑިޔާގައި ފާސްކޮށްފައިވާ އަޅުކަންކުރާ ތަންތަނާ ބެހޭ ޤާނޫނާ ޚިލާފު އަމަލެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އުތާރް ޕްރަދޭޝްގައި ވެރިކަން ކުރާ ބީޖޭޕީއަކީ އިންޑިޔާގެ މައި ސަރުކާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީއެވެ.

އެ ކަމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ މީހުން ބުނީ، ސަރވޭ ފަށާފައި ވަނީ އެއްވެސް އެންގުމަކާ ނުލައި ކަމުގައެވެ. މިސްކިތް ހުރި ސަރަޙައްދުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ، ދެވަނަ ފަހަރަށް ސަރވޭކުރަން ފެށުމާ ގުޅިގެންނެވެ. އިންޑިޔާގެ މުސްލިމް ޢިލްމުވެރިންގެ ޖަމުޢިއްޔާ، ޖަމުޢިއްޔަތު ޢުލަމާ އަލް-ހިންދުގެ ރައީސް މަޙްމޫދު މަދަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިންޑިޔާގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ބިނާކޮށްފައިވާ މިސްކަތްތަކާ ދެކޮޅަށް ހައްދުފަހަނަ އެޅި ހިންދީން ހުށަހަޅާފައިވާ މައްސަލަތަކަކީ އިންޑިޔާގެ ޤާނޫނުތަކާ ޚިލާފު މައްސަލަތަކެއް ކަމުގައެވެ.

ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ އަންޖަނީ ކުމާރް ސިންގ ވަނީ މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި، ނަރުގަ ގޭސް ޖަހައި، މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ރަބަރު ވަޒަން ބޭނުން ކޮށްފައިވާނެ ކަމަށް އެއްބަސްވެ ވަޑައިގަންނަވާފައެވެ. މުޒާހަރާތައް ރޫޅައިލައި، އުތާރް ޕްރަދޭޝްގެ އޮފިޝަލުން ވަނީ މިސްކިތް ހުރި ބިމުގެ ސަރވޭ ހަދައި ނިންމާފައެވެ. އަދި، އެ ކަމާ ގުޅޭ ރިޕޯޓު ނޮވެންބަރު 29ވަނަ ދުވަހަށް ނިންމައި، ކޯޓަށް ހުށަހަޅާނެއެވެ. އުތާރް ޕްރަދޭޝްގެ އެހެން ރަށްތައް ކަމުގައިވާ ވަރާނަސީއާއި، މަތުރާ އަދި އާގްރާގައި މުސްލިމުން ބިނާކޮށްފައިވާ ބައެއް މިސްކިތްތަކަކީ، ކުރިން ހިންދީންގެ ބުދުފައްޅިތައް ހުރި ބިންތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކެއް ކަމުގައި ތުހުމަތުކޮށް، ހިންދީން ވަނީ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ.

ޝާހީ ޖާމިޢު މިސްކިތް ހުރި ބިމުގެ ސަރވޭ ހެދުމާ ގުޅިގެން އޯލް އިންޑިޔާ މަޖިލިސް އިއްތިޙާދު އަލް-މުސްލިމީން (އޭއައިއެމްއައިއެމް)ގެ ވެރިޔާ އަސަދުއްދީން ޢުވަޔިސީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިސްކިތްތަކުގެ ބެލެނިވެރި ފަރާތާ މަޝްވަރާ ނުކޮށް އެ ފަދަ އަމަލެއް ހިންގުން ބަލައިނުގަނެވޭނެ ކަމުގައެވެ. އަދި، އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށް ނިކުތް މުސްލިމުންނަށް ޙަމަލާދީ، އޭގެ ތެރެއިން ހަތަރު މީހުން ގަސްދުގައި މަރައިލާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރިއެވެ.

އިންޑިޔާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ވެރިޔާ ރާހުލް ގާންދީ ވެސް ވަނީ އެ ކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަވަސް އަރުވައިލައިގެން އުތާރް ޕްރަދޭޝްގެ ސަރުކާރުން ހިންގާފައި ވަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ހިންގާފައިވާ ކަންބޮޑުވާ ފަދަ އަމަލެއް ކަމުގައެވެ. އަދި، މުސްލިމުންނާ މެދު ތަފާތު ކުރުމުގެ އަމަލުތައް ބީޖޭޕީގެ ސަރުކާރުން ހިންގަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި، މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އޭނާ ވަނީ އިންޑިޔާގެ ސުޕްރީމް ކޯޓަށް ގޮވައިލައްވާފައެވެ.

"ސަމްބަލްގައި ހުރި މިސްކިތަކީ މީގެ 50 ނުވަތަ 100 އަހަރު ކުރިން ބިނާކޮށްފައިވާ ތަނެއް ނޫން، 250 ނުވަތަ 300 އަހަރު ކުރިން ބިނާ ކޮށްފައިވާ ތަނެއް،" ޢުވަޔިސީ ވިދާޅުވިއެވެ. މިއީ، ބީޖޭޕީގެ ވެރިކަމުގައި މުސްލިމުންގެ މިސްކިތަކަށް ގެއްލުންދީ، ޙުރުމަތް ކަނޑާާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ކުރީކޮޅު، މީގެ 500 އަހަރު ކުރިން އަޔޯދްޔާގެ ފެއިޒްއާބާދުގައި ބިނާ ކޮށްފައިވާ ބާބުރީ މިސްކިތް ތަޅައިލުމަށް ފަހު، އެ ބިމުގައި ފައްޅިއެއް ބިނާކޮށް ހުޅުވާފައިވެއެވެ. އެ މިސްކިތް ތަޅައިލާފައި ވަނީ 1992ވަނަ އަހަރުއެވެ.

ސަމްބަލްގައި ހުރި ޝާހީ ޖާމިޢު މިސްކިތަކީ، މުގަލް ޚާންދާނުގެ ދުވަސްވަރު ރަސްގެފާނު ބާބުރީގެ ވެރިކަމުގައި ބިނާކޮށްފައިވާ މިސްކިތްތަކުގެ ތެރެއިން މި ވަގުތު ކޮޅަށް ހުރި ހަމައެކަނި މިސްކިތެވެ. ބާބުރީގެ ވެރިކަމުގައި ޕާނީޕާތުގައި ބިނާ ކޮށްފައިވާ މިސްކިތް ވީރާނާވެފައިވާއިރު، އަޔޯދްޔާގައި ހުރި ބާބުރީ މިސްކިތް ވެސް ވަނީ ތަޅައިލާފައެވެ. އެ ކަމުގެ ފަހަތުގައި ތިބީ ވެސް ހިންދީންނެވެ. މުގަލް ޚާންދާނުގައި މުސްލިމުން ބިނާ ކޮށްފައިވާ ބިނާތަކަށް ހައްދުފަހަނަ އެޅި ހިންދީން ދަނީ ގެއްލުން ދެމުންނެވެ.