500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ރަނގަޅު ބަދަލެއްކަމަށާއި، ނަތީޖާއަކަށް ވާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބޭރު ފައިސާ މާރުކުރުމާ ގުޅޭގޮތުން އެމްއެމްއޭއިން އެކުލަވާލި ބިލާގުޅޭގޮތުން ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ 17 ނޮވެމްބަރ 2024 ގައި އެމަނިކުފާނު ވިދާޅުވިފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއްކަމަށެވެ. ސަރުކާރަށް އަހަރެއްވުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭގޮތަށް އެކުލަވާލި ޤަވާއިދަށް ބަދަލު ނުގެންނަވާނެކަމަށާއި، އެ ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެއްކަމަށެވެ. އަދި ބޭރު ފައިސާގެ ދަތިކަން ޙައްލުކޮށް، އެމް.އެމް.އޭ.އަށް ފަސޭހަކޮށްދިނުމަށް، އެކަމަށް ޚާއްޞަ ފްލެކްސް ޤާނޫނެއްވެސް މަޖިލީހުން ފާސްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އަލަށް އެކުލަވާލާ މި ޤާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެކަމަށެވެ. އަދި ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުންކަމަށް ރައީސްވިދާޅުވިއެވެ.
1. ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން (2025 ޖުލައި މަހުން ފެށިގެން)
2. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުން (2026 ގެ ފުރަތަމަ ކުއާޓަރ)
3. ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން (2026 ގެ ފުރަތަމަ ކުއާޓަރ)
4. ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން (2025 ޖުލައި މަހުން ފެށިގެން )
ރައިސް ވަނީ ޢާއްމު ރައްޔިތުންނަަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.