ޚަބަރު

މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އެޗްޑީސީ


  • ގައިޑްލައިނެއް އެކުލަވާލެވި، މަސައްކަތް ދަނީ ކުރަމުން

  • މިއީ ރައީސްގެ ރިޔާސީ ވައުދެއް

ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމަށް ބޭނުންވާ ކަންކަން އެޗްޑީސީގެ ފަރާތުން ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ، އެ ކުންފުނިން މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލަނީ ހަމައެކަނި މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭ ކަންކަންކަމަށެވެ. އަދި މިކަން ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ އެންމެހައި އެއްބާރުލުން އެ ކުންފުނީގެ ފަރާތުން ދެއްވާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، މިކަމުގެ އެމްއޯޔޫއެއްގައި ސޮއިކުރެވިގެން ގައިޑްލައިންތަކެއް ކަނޑައެޅި އެކަމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާކަމަށެވެ.

"އެޗްޑީސީގެ ފަރާތުން އެއްވެސް އިރެއްގައި އަދި މިއަދުވެސް ވަކާލާތެއް ނުކުރަން މުނިސިޕަލް ޚިދުމަތްތައް ރައްޔިތުންނާއި ހަމައަށް ދޫދޭންޖެހޭ ކަންކަން ނުވަތަ މާލޭ ސިޓީ ކައުންސިލްގެ ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަންތައްތައް ކުރުމަކަށް އަޅުގަނޑުމެންގެ ހުރަހެއް ނެތް. މިތިބީ އެފުރުސަތު އެބޭފުޅުންނަށް ފަހިކޮށްދޭން. މީގަ އަޅުގަނޑު ގަބޫލުކުރާގޮތުގައި ގޮންޖެހުންތަކެއް އެބޭފުޅުންނަށް އަމާޒުވެފައި އެއޮތީ އެބޭފުޅުން މިކަން ކޮމާޝިއަލީ ވައިބަލް ކުރާނީ ކިހިނެތްތޯ." ފަޒުލް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޚްމަދު ނަރީޝް ވިދާޅުވީ، މިކަމުގައި މާލޭ ސިޓީ ކައުންސިލަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ މާލީގޮތުން ހުރި ދަތިތައްކަމަށެވެ. މިފަދަ ޚިދުމަތެއް ދިނުމަށް ހަވާލުވާއިރު މާލޭ ސިޓީ ކައުންސިލުން ބޭނުންވަނީ އެޗްޑީސީން އެ ޚިދުމަތް ދެމުން އަންނަ ގޮތައްވުރެ ރަނގަޅަށް އެ ޚިދުމަތް ދިނުންކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކޮންސާންއަކީ އަޅުގަނޑުމެންނަށް ދާއިމަށް މި ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ ފައިސާ އަޅުގަނޑުމެން ޖެނެރޭޓްކުރާނީ ކޮންތާކުންތޯ. މިއީ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންމިދަނީ. އެނޫން ހުރިހައި ކަމެއްގައި އަޅުގަނޑުމެންނަށް އެއްބަސްވެވޭ." ނަރީޝް ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ.