ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާގައި ކުޅިވަރާ ބެހޭ ބިލަށް ވާހަދެއްކެވުމުގެ ބަދަލުގައި ބައެއް މެންބަރުން އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތަށް ފާޑުކިޔާފަވާތީ، އެކަމުން ދޭހަވެގެން ދިޔައީ ރާއްޖޭގެ ވޮލީގެ މަގުބޫލުކަން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ކުޅިވަރު ވިންދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލަތީފް ވަނީ މި އަހަރުގެ އިންޓަރ ސްކޫލް ވޮލީ މުބާރާތަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިކަން ފާހަގަކުރައްވާފައެވެ. އަދި މުބާރާތް ކުރިއަށްދިޔައިރު ވޮލީބޯލް އެސޯސިއޭޝަނަށް ކުރިމަތި ފާޑުކިޔުންތަކަށް ލަތީފް ވަނީ ސޯޝަލް މީޑިއާގައި އަދަދުތަކުން ރައްދުދެއްވާފައެވެ.
ލަތީފް ވިދާޅުވީ ފާޑުނުކިޔާނަމަ ވޮލީގެ ކަންކަން ރަނގަޅުކުރަން ނޭނގެނޭ ކަމަށާއި، ފާޑުކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އަދަދަތަކުން ފާޑުކީ ބޭފުޅުންނަށް ރައްދުދެއްވަން ޖެހިވަޑައިގަތީ އެސޯސިއޭޝަނަށް ކުރިމަތިވާން ގޮންޖެހުންތައް، އެ ބޭފުޅުންނަށް ތިލަކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް ވިދާޅުވިއެވެ.
"މިސާލަކަށް 82 ޓީމު ބައިވެރިވި 202 މެޗު މުބާރާތުގައި ކުޅެން ޖެހުނު. މާލޭގައި އޮތީ އެންމެ އިންޑޯ ސްޓޭޑިއަމެއް. އެ އިންޑޯގައި ބާސްކެޓްބޯޅަ މުބާރާތެއް ކުރިއަށްދަނީ. އަޅުގަނޑުމެންނަށް ލިބިފައި އޮތީ ޓާފް ތިން ކޯޓު. ދެން އަޅުގަނޑުމެންނަށް ޖެހުނީ މުބާރާތުގެ ފޯމެޓަށްވެސް ބަދަލުތައް ގެންނަން." ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވީ އަތޮޅު ތެރޭގެ ޓީމުތައްވެސް މުބާރާތުގައި ބައިވެރިވެފަވާތީ، މުއްދަތުގެ ތެރޭގައި މުބާރާތް ނިންމުމަށް ކަމަށެވެ. އަދި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ފަސް ކޯޓުގައި ދުވާލަކު 25 މެޗު ކުޅެގެން ކަމަށްވެސް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ މާލޭގައި ވޮލީގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ގޮތުން ކުޅިބެލުންތެރިންނަށް މެޗު ބަލާލަން އެންމެ އެކަށީގެންވާ މާހައުލެއް ގާއިމު ނުކޮށްދެވުނު ކަމަށެވެ. އެގޮތުން މުބާރާތުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންދިޔައީ މެޗުތައް ބެލުމަށް އަންނަ ސަޕޯޓަރުންނަށް، ވޮލީ ކޯޓުގައި ޖާގަ ނެތުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރުވެސް ފެންނަން މި ހުރި އިންޑޯ ސްޓޭޑިއަމްއަކީ މީގެ އެތައް އަހަރެއް ކުރިން އެޅިފައިއިން އިންޑޯ ސްޓޭޑިއަމެއް. އެކަމަކު ގައުމީ ޓީމުތައް ތައްޔާރުވަމުން ދާއިރުވެސް 90 ޕަސެންޓް ޕްރެކްޓިސް މިގެންދަނީ އައުޓްޑޯގައި." ލަތީފް ވިދާޅުވިއެވެ.
މުބާރާތުގެ ފޯމެޓަށްވެސް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވިކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ ވާގޮތް އެނގިގެން ދިޔުމުން އެންމެންނަށްވެސް މުބާރާތުގެ ފޯމެޓް ކަމުދިޔަ ކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތް މިއަށްވުރެ ފޯރިގަދަވާނެ ކަމަށް ލަފާކޮށް، އަންނަ އަހަރުގެ މުބާރާތް ޒޯންތަކަށް ބަހާލަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ލަތީފް ވަނީ މި ވަގުތު ރާއްޖޭގައި ދެ ޖިންސުގެ އެންމެ މަގުބޫލު ކުޅިވަރަކީ ވޮލީބޯޅަ ކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ޓީމު ކުޅިވަރުތަކުން ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ގިނަ މެޑެލް ހޯދި ކުޅިވަރަކީވެސް ވޯލީ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.