ޤާނޫނާ ޚިލާފަށް ވޭޕް ބޭޏުންކުރި ކަމުގެ މައްސަލަތަކެއްގައި 4 މީހަކު ޖޫރިމަނާކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ވޭޕާއި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ ތަކެއްޗާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މިހާރު މަނާކޮށްފައިވާއިރު، ހަށިގަނޑަށް ގެއްލުންހުރި މި ޢަމަލުކުރާ މީހުންނާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން ވަނީ ފަށާފައެވެ.
ފުލުހުން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހެ ޤާނޫނާ ޚިލާފުވެގެން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް 4 މީހަކު 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އެއީ ޖުމުލަ 20،000 ރުފިޔާއެވެ. ފުލުހުން ވިދާޅުވީ މި ޖޫރިމަނާކޮށްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ވާގޮތުގެ މަތިންކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ، 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ޖޫރިމަނާ ކުރާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެކަމަށާއި އެ މެސެޖްގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.