އަތޮޅުތެރޭގައި ކްރިކެޓް ކުރިއެރުވުމަށް ބަލާއިރު އެ ކުޅިވަރު ކުޅެން ރައްޔިތުން ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްހާގު ވިދާޅުވީ ބައިނަލްއަގުވާމީ ލީގުތައް ފެންނަ ގޮތަށް މިހާރު އަބަދުވެސް ޓީވީތަކުން ކުރިކެޓް މެޗު ފެންނަ ކަމަށާއި އެކަމުގެ ރަނގަޅު އަސަރު ކުރިކެޓަށް ކުރާކަމަށެވެ. ކުރިން އާމުކޮށް މާލޭގަ ކުރިކެޓް މުބާރާތް ކުޅުނު ނަމަވެސް އަތޮޅު ތެރެއަށް މާބޮޑު ފުރުސަތުތަކެއް ދެވިފަނުވާ ކަމަށް އިސްހާގް ވިދާޅުވިއެވެ.
"އެކަމަކު އެކުޅިވަރު ކުޅޭނެ ފުރުސަތެއް، މީގެ ކުރިން ލިބިފައެއް ނެތް، އެހާ ބޮޑަކަށް އެ ރަށްރަށުގެ ތބި ޒުވާނުންނަށް އަދި ވައިޑީޕީތަކަށް، އެއީ މުޅި ރާއްޖެއަށް ބަލާއިރު" އިސްހާގް ވިދާޅުވިއެވެ.
ކްރިކެޓްގެ މި ދައުރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މި ކުޅިވަރު ޔޫތު ލެވަލްގައި ގިނަ ޕްރޮގްރާމްތަކެއް ހިންގާ ކުދިންތަކެއް އުފެއްދުން ކަމަށް އިސްހާގު ވިދާޅުވިއެވެ. އިސްހާގް ވިދާޅުވީ ދިރާސާކޮށް ބެލިއިރު މުޅި ރާއްޖެއިން ފުޓްބޯޅަ ކުޅޭ އުސޫލުން މަދުވެގެން 25 ރަށުގައި މުބާރާތްތައް ބާއްވާ މި ކުޅިވަރު ކުރިއެރުވިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދިރާސާ ކުރުމުގައި ރަށްރަށުގެ ވަރަށް ގިނަ ކައުންސިލުތަކާއި ސުކޫލްތަކާއި މަޝްވަރާ ކުރެއްވި ކަމަށް އިސްހާގު ވިދާޅުވިއެވެ.
"ކޮންމެ ކުޅިވަރަކަށް ވެސް މިވާގޮތަކީ އެކުޅިވަރެއް ދަންނަ ބަޔަކު، އެ މާހައުލަކުން ނުކުމެގެން އެކުޅިވަރެއްގެ އެބައެއްގެ ތެރޭގައި އަށެގަންނަނީ، އެރަށަށްގަ އަދި ތަނެއްގަ ވިޔަސް" އިސްހާގު ވިދާޅުވިއެވެ.
ކޮންމެ ރަށަކަށް ބަލާއިރު ކޮންމެ ހިސާބެއްގައި އެރަށެއްގަ އުޅޭ ބިދޭސީން ކޮންމެ ހަފްތާ ބަންދެއްގައި މި ކުޅިވަރު ކޮންމެވެސް ސިފައެއްގަ ކުޅެމުން އަންނަ ކަމަށް އިސްހާގު ވިދާޅުވިއެވެ. ރަށްރަށުގައި ތިބި ކުޅިވަރު ޓްރޭނަރުން ތަމްރީންކޮށް އެފަރާތްތަކު އެހީތެރިކަމާ އެކު މި ކުޅިވަރު ކުރިއެރުވަމަކީ އަމާޒެއް ކަމަށް އިސްހާގު ވިދާޅުވިއެވެ.
މި ދިރާސާ ކުރުމުގައި ކަރުދާހަށް އަދަދުތައް ތިރިކުރިއިރު ވަރަށް ބޮޑަށް ހޯމް ވޯކް ހެއްދެވި ކަމަށް އިސްހާގް ވިދާޅުވިއެވެ. ރާއްޖޭގެ މިވަގުތު އެންމެ ބާރަށް ކްރިކެޓް ކުރިއަރަމުން އަންނަނީ ފުވައްމުލަކު ސިޓީ އާއި ލ. ކުނަހަންދޫގައެވެ.