ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން، ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) ދާއިރާގެ ޙިއްޞާވާ މިންވަރު އިތުރުކޮށް، އަދި ޑިޖިޓަލް އިޤުތިޞާދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ، މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައިސީޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
- ޤައުމީ ފެންވަރުގައި ހިންގާ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކޮށް ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުން، އަދި އިޤްތިޞާދެއް ބިނާކުރުމަށް ފަހި، ހިންގުމުގެ އޮނިގަނޑެއް އައި.ސީ.ޓީ ދާއިރާއިން ގާއިމުކުރުން.
- ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި ފަސޭހަކަމާއެކު މަޢުލޫމާތު ޙިއްސާކުރެވޭނެ "އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ "ސިންގަލް ސޯސް އޮފް ޓުރުތު"ގެ ގޮތުގައި ބޭނުންކުރާ މަރުކަޒީ ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.
- ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ މަރުކަޒީ މަންސަތައް އެކަށައަޅައި އާއްމުކުރުން.
- އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން.
- ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާކުރުން.
- އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކުރުމާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރަން ފެށުން.
- ޑިޖިޓަލް ރޮނގުން އަހުލުވެރި މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ތަޢުލީމީ މަންހަޖުގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވުމަށް، ބޭނުންވާ ޢިލްމީ ބައިތައް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ދިރާސާތައް ތަރައްޤީކޮށް އަދި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
- އައިސީޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ޚިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ "ލޯކަލް ފަސްޓް" ސިޔާސަތަށް ޢަމަލަކުރަން ނިންމުން.
- ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ޤާއިމްކުރުން.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކުރެއްވުމަށް މަގުޗާޓެއް ކަނޑައަޅުއްވައި އެކިކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.