ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ތަޙުނިޔާ ވިދާޅުވެއްޖެ


  • ރައީސް ވަނީ ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައި

  • ދެ ޤައުމުގެ ގުޅުން ބަދަހިކުރައްވާނެކަމަށް ވިދާޅުވި

ކިންގްޑަމް އޮފް ބެލްޖިއަމްގެ އައު ބޮޑު ވަޒީރު، ބާރޓް ޑެ ވޭވަރއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބޮޑު ވަޒީރުކަމުގެ މަޤާމުގެ ހުވައި ކުރެއްވުމާ ގުޅިގެން، ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެން، ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. ދިވެހިރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް، ބައި ޤަރުނެއްހާ ދުވަސްވީ އެކުވެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ސިފަ ކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދޭދޭ މަސްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.