ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި އިސްރަށްވެހިންގެ ނާދީ މިމަހު ހުޅުވާ، ޚިދުމަތްދޭން ފަށާނެކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްރަށްވެހިންގެ ނާދީއަކީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގެ ތެރޭގައި އިތުރުކޮށް، އެމީހުންނަށްވެސް އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމަށް ސަރުކާރުން ޤާއިމުކުރާ ތަންތަނެވެ.
އެގޮތުން މާލޭގައި އިސްރަށްވެހިންގެ ނާދީ، ކާމިޔާބުކަމާއެކު ހިންގަމުން އަންނައިރު އޭގެ ދެވަނަ ތަން ތަރައްޤީކޮށްފައި މިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ޓަވަރު 8 ގައެވެ. އިމާރާތާ ގުޅޭ މަސައްކަތްތަކާއި އަދި އެތަނަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތައް ކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.
މަރުކަޒުގެ މަސައްކަތް ނިންމާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒު، އެޗްޑީސީގެ ފަރާތުން ރަސްމީކޮށް މިހާރު ވަނީ ވުޒާރާއާއި ހަވާލުކޮށްފައެވެ.
އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޤާއިމްކޮށްފައިވާ މި މަރުކަޒަކީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒާމު ކުރެވިގެން ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބިނާކޮށްފައިވާ ތަނެއްކަމަށް ވިދާޅުވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އިސްރަށްވެހިންގެ އިޖުތިމާޢީ ސެންޓަރު އެޗްޑީސީގެ ފަރާތުން ރަސްމީކޮށް މި ވުޒާރާއާއި ހަވާލުކޮށްފި.
— Ministry of Social and Family Development (@MSFDmv) February 5, 2025
މިއީ އެޗްޑީސީގެ ސީއެސްއާރު ޕްރޮގްރާމް ދަށުން ތަރައްޤީކޮށްފައިވާ ތަނެއް.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޤާއިމްކޮށްފައިވާ މި… pic.twitter.com/Yf7yQWZLBB
އިސްރަށްވެހިންގެ ނާދީގައި، އިސްރަށްވެހިންނަށް އެކި ދާއިރާތަކުން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ދީނީ ހަރަކާތްތަކާއި، އެކިކަހަލަ ކުޅިވަރު ހަރަކާތްތައް ހިންގުން ހިމެނެއެވެ. އަދި ޚާއްސަ ދުވަސްތައް ފާހަގަކުރުމާއެކު، އިސްރަށްވެހިންގެ އެކިހަލަ އެއްވުންތައްވެސް އަންނަނީ ބާއްވަމުންނެވެ.
މިއީ ނަފްސާނީގޮތުން އަދި ޖިސްމާނީގޮތުންވެސް ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމުގެ ފުރުޞަތު އިސްރަށްވެހިންނަށް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
މާލޭގައި ހުންނަ އިސްރަށްހިންގެ ނާދީގައި ހިންގާ ހަރާކާތްތަކުގައިވެސް އިސްރަށްވެހިންގެ ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. ހުޅުވާމާލޭގައިވެސް އިސްރަށްވެހިންގެ ނާދީ ހިންގާ އެތާންގެ ޕްރޮގްރާމްތައް ރާވާ ކުރިއަށްގެންދާނީ ވުޒާރާގެ ފަރާތުންނެވެ. މަރުކަޒުގެ ހުރިހާ މަސައްކަތްތައް ނިންމާ މި މަހުގެ މެދުތެރޭ ޚިދުމަތަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.