އަހަރުގެ މިހާތަނަށް އެއް ދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ 9،518 ފަތުރުވެރިން އައިސްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.
މިއަހަރު ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ވަނީ 9،495 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 351،490 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 326،464 ފަތުރުވެރިންނާ އަޅާ ބަލާއިރު %7.7 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް ވަނީ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
* ޗައިނާ –54،090 ފަތުރުވެރިން
* ރަޝިއާ – 34،656 ފަތުރުވެރިން
* އިޓަލީވިލާތް – 33،980 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން %68.9 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
• ރިސޯޓު: 242،350 ފަތުރުވެރިން
• ހޮޓެލް: 9،409 ފަތުރުވެރިން
• ގެސްޓުހައުސް: 90،863 ފަތުރުވެރިން
• ސަފާރީތަކަށް: 8،614 ފަތުރުވެރިން
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.