ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭ ސާފުކުރުމަށް "ސާފު ވިލިމާލެ ރައްކާތެރި ވެށި" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.
"ސާފު ވިލިމާލެ ރައްކާތެރި ވެށި" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މައްސައްކަތްތަކާބެހޭ ވުޒާރާއާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވެފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ، މި ހަރަކާތަކީ ރޯދައަށް ވިލިމާލެ ސާފުކުރުމަށްކުރިއަށް ގެންދާ ހަރަކާތެއްކަމަށާއި، މި ހަރަކާތުގައި މީހުންނަށް އުނދަގޫވާގޮތަށް ކުނި ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރާނެ ކަމަށެވެ.
މިއަދު ހެނދުނު 9 އަކުން އިރުއޮއްސި 6 އަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިލިމާލޭގެ ސިނާއީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދުތަކެއް ސާފުކުރުމުގެ އިތުރުން ގޭބީސީތަކުގައި ހުރި ކުނިތައްވެސް ސާފުކުރާނެކަމަށް މެންބަރު ވިދާޅުވިއެވެ.
ރޯދައަށް ސާފު ކުރުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައިވެސް މި ދުވަސްދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން އިއްޔެވަނީ މުޅި ހުޅުމާލޭ ސާފުކުރުމުގެ ހަރަކާތެއް އެޗްޑީސީއިން ފަށައިފައެވެ. ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އެޗްޑީސީގެ އިތުރުން ހުޅުމާލޭގައި ގާއިމްވެފައިތިބި ސަރުކާރުގެ މުއައްސަސާތަކަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ "ރޯދަ ސާފު"ގެ ނަމުގައި ހާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ. 5 ސަރަހައްދަކަށް ބަހާލައިގެން ސާފުކުރުމުގެ މި ހަރަކާތުގައި 40 މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ.