ކުޅިވަރު

ރާއްޖޭގައި ދިގު ދުވުމުގެ ގައުމީ މުބާރާތެއް


އަހަރުތަކަކަށްފަހު ރާއްޖޭގައި އަނެއްކާވެސް ދިގު ދުވުމުގެ ގައުމީ މުބާރާތެއް ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވުމުން އެތްލެޓިކްސް އެސޯސިއޭޝިއަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ މިހާރު ރާއްޖޭގައި ވަރަށް ފޯރިގަދަކޮށް ރޯޑްރޭސްތަކެއް ކުރިޔައްދާ ކަމަށާއި އެގޮތުން އެ މުބާރާތްތަކާ އެއްފެންވަރުގެ ގައުމީ މުބާރާތްތަކެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުންތަގިމް ވިދާޅުވީ މީ ރާއްޖޭގައި އަލައް ކުރާކަމެއް ނޫންކަމަށެވެ. ގައުމީ ދިގު ދުވުމުގެ ރޭސް ހާއްސަ ކުރާނީ ހާފް މެރެތަންގެ އިތުރުން 5 ކިލޯ މީޓަރާއި، 10 ކިލޯ މީޓަރަށެވެ.

" އެހެންޏާ އަޅުގަނޑުމެން ބާއްވަނީ މެރެތަން ނުވަތަ ހާފްމެރަތަން، މި ފަހަރު އަޅުގަނޑުމެން ރާވާފަ މިވަނީ މިއަހަރު މި ބަލަނީ މަގުމަތީގަ ދުވާ ގިނަ ރޭސްތަކެއް ހިމަނައިގެން ރޯޑްރޭސް ޗެމްޕިއަންޝިޕެއް ބާއްވަން." މުންތަގިމް ވިދާޅުވިއެވެ.

މި އަހަރަށް އެތުލެޓިކްސްގެ ބަޖެޓް އެކުލަވާލިއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ އެތުލީޓުންގެ ތަމްރީންތަކަށް ކަމަށާއި އެ އެސޯސިއޭޝަނުގެ މައިގަނޑު މަސައްކަތަކީ އެތުލީޓުން ތަމްރީން ކުރުންކަމަށްވެސް މުންތަގިމް ވިދާޅުވިއެވެ. އެގޮތުން މިއަހަރަށް އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ ސައުތު އޭޝިޔަން ގޭމްސްއަށް ތައްޔާރުވުން ކަމުގައި މުންތަގިމް ވިދާޅުވިއެވެ.

މުންތަގިމް ވިދާޅުވީ މިއަހަރު އެންމެ ބޮޑަށް އަމާޒު ހިފާނީ އެންމެ މަދުވެގެން ދެ އަތޮޅެއްގައި އެތުލެޓިކްސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމަށް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްތަކުން ތަމްރީންވާ ކޯޗުންގެ އެހީތެރިކަމާ އެކު އެ ސަރަހައްދުތަކުގައި މީހުން ތަމްރީންކޮށް މުބާރާތްތައް ބޭއްވުމަކީ އެންމެ ބޮޑު ބޭނުން ކަމުގަ މުންތަގިމް ވިދާޅުވިއެވެ.

ކޯޗުން ތަމްރީންކޮށް ކުރިޔައް ގެންދަން ރާވާފަވާ ޕްރޮގްރާމްތަކަށް މޯލްޑިވިސް އޮލިންޕިކް ކޮމެޓީ އާއީ ކުޅިވަރު ވުޒާރާއިގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް މުންތަގިމް ވިދާޅުވިއެވެ.

މިއަހަރަށް އެތުލެޓިކްސްގަ ރޭވިފަވާ ހަރަކާތްތަކަށް ބަލާއިރު އިންޓަރ ސުކޫލް އެތުލެޓިސް މީޓްގެ އިތުރުން ޖޫނިއަރ ޗެމްޕިއަންޝިޕް ވެސް ބޭއްވުމަށް ވަނީ ތާވަލުކޮއްފައެވެ. މި ދެ މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅާނީ އަތޮޅުތެރެއިން ހުށަހަޅާ ހުށެހެޅުންތަކަށް ބެލުމަށްފަހު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މާޗު މަހުގެ 12 ވަނަ ދުވަހުގެ ކުރިން މި ދެމުބާރާތް ބާއްވާނެ ރަށެއް ވެސް ކަނޑައެޅިގެންދާނެ ކަމަށް މުންތަގިމް ވިދާޅުވިއެވެ.