ޚަބަރު

ވަޢުދުތައް ފުއްދޭނެގޮތަށް ކަންކަން ވަނީ ފަހިވެފައި: ރައީސް


  • ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޑަހުވަދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދޭނެގޮތަށް ކަންކަން މިއަދު ފަހިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ ޙާލަތު އޮތްގޮތާއި މިއަދު ޤައުމުގެ ޙާލަތު އޮތް ގޮތް ތަފާތުކަމަށެވެ. ޚާއްސަގޮތެއްގައި އިޤްތިޞާދީ ޙާލަތުވެސް މިއަދާއި އޭރާއި ތަފާތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ތަންފީޒުކުރަން ޖެހުނީ އޭގެކުރިން އޮތް އެމްޑީޕީގެ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއްކަމަށެވެ. އަދި އެ ބަޖެޓު އޮތީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދޭނެ ގޮތަކަށް ނޫންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އޮތްގޮތުން ފުރަތަމަ ޖެހިވަޑައިގަތީ ބޭރާއި އެތެރޭގެ ދަރަނިތައް ދެއްކުމާއި އިޤްތިޞާދު ހަރުދަނާކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވުމަށްކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"މިއަދުގެ ޙާލަތު ތަފާތު ތި ބޭފުޅުންގެ އެއްބާރުލުމާއެކު، ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކަންކަން ފަހިކޮށްދެއްވީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެގޮތަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދެވުމަށް އަމަލީގޮތުން މަސައްކަތްކުރައްވާ މަންޒަރު މިއަހަރު ފެނިގެންދާނެކަމަށެވެ. އަދި އެކަންކަން ފަހިކުރެއްވުމަށް ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.