ޚަބަރު

ކުޑަހުވަދޫ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި


  • 700 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ

  • ފެނުގެ ކެޕޭސިޓީ އިތުރުކުރުމަށް ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެ ބަހައްޓާނެ

ދ. ކުޑަހުވަދޫ ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރެވެ.

މި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމްކުރެވިފައިނުވާ ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުން ހިމެނެއެވެ. އަދި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމާއި އައުޓް ފޯލްއެއް އެޅުންވެސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން މިހާރު ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް ކެޕޭސިޓީ އިތުރުކުުރުމަށްޓަކައި ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި 700 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 2 ޓޭންކު ބެހެއްޓުމާއި އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް އެންމެހައި މަސައްކަތް ކުރުން ހިމެނެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް އާރްޑީސީއާ ހަވާލުކުރައްވާފައިވަނީ 700 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަޝްރޫޢުއަށް ސަރުކާރުން 87 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.