ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމެއް ގާއިމުކުރަނީ


  • ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމް ޤާއިމްވުމުން އޭގެ ފައިދާ އެރަށާއި އެސަރަހައްދުގެ އިޤްތިޞާދަށް ކުރާނެ

ބޭންކިންގެ ޚިދުމަތް ފުޅާކުރާއިރު، މިއަހަރު ނިމުމުގެ ކުރިން ދ. ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާގޮތަށް މިއަހަރު މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޚިދުމަތް ފުޅާކުރައްވާނެކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުޑަހުވަދޫގައި މިއަހަރު ޑޮލަރު އޭޓީއެމް ޤާއިމްވެގެން ދިއުމުން އޭގެ ފައިދާ އެރަށާއި އެސަރަހައްދުގެ އިޤްތިޞާދަށް ކުރާނެކަމަށެވެ.

ސަރުކާރުން ވަނީ މިމަހު އައްޑޫ ސިޓީ ހިތަދޫގައިވެސް ބީއެމްއެލް ޑޮލަރު އޭޓީއެމެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ.

ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ބޭންކިން ނިޒާމުގެތެރެއިން ޑޮލަރު މާރުކުރުން ލާޒިމްކުރާ ޤާނޫނާއެކު ބޭރު ފައިސާގެ ދަތިކަމަށް ޙައްލު އަންނަން ފަށާފައިވާކަމަށާއި، ދައުލަތުގެ ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރެއްވި މިދަތުރުފުޅުގައި ވަނީ އެރަށުގައި ބީއެމްއެލް ގޮފި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.