ޚަބަރު

މިއަދު ޤައުމުގެ މުހިންމު ދާއިރާތަކުގެ ކުރީ ސަފުގައި އަންހެނުން


  • އަންހެނުންގެ ހިއްސާ މުޖުތަމަޢުގައި އިތުރުކުރުމަކީ ޤައުމުގެ ކުރިމަގަށް މުހިންމުކަމެއް

  • ކޮންމެ އަންހެނަކަށްވެސް އެމީހެއްގެ ޤާބިލުކަން ދައްކައިދިނުމުގެ ފުރުޞަތު ލިބެންޖެހޭ

ކޮންމެ އަހަރެއްގެވެސް މާރޗްމަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ.

މިއީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. ތާރީޚަށް ބަލާލާއިރު މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ 1911 ވަނަ އަހަރުގައެވެ.

އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ އަދި ކުރަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމެވެ. އަދި ކުރިއަށްއޮތް ޖީލުތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި މުޖުތަމަޢުގައި އެމީހުންނަށް ހައްގުވާ މަޤާމު ހޯދައި ދިނުމަށް ބާރުއެޅުމެވެ.

އެގޮތުން މިހާރު ރާއްޖޭގައިވެސް ނިންމުންތައް ނިންމާ މަރުހަލާގައި އަންހެނުން ތަމްސީލުވާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެތެރޭގައި ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، ކައުންސިލްތަކުގެ މެންބަރުންގެ އިތުރަށް ސަރުކާރާއި އަމިއްލަ މުއައްސަސާތަކާއި ވިޔަފާރީގެ ދާއިރާގައި އިސްކޮށް އަންހެނުން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކާއި، އިޖުތިމާޢީ ދާއިރާގައި އަންހެނުން ގެންދަނީ ނަމޫނާ ދައްކަމުންނެވެ. ރާއްޖޭގެ ފާހަގަކޮށްލެވޭ ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "އެންމެހާ އަންހެނުންނާއި އަންހެން ކުދިންނާއި ހައްގުތައް ހަމަހަމަކަން އަދި ބާރުވެރިކަން" މިއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރެއްވި މެސެޖުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މުޖްތަމަޢުގައި އަންހެނުންގެ ހިއްސާ އިތުރުވެ ބަސްބުނެ އަދި ޝާމިލްވެ އުޅުމަކީ ޤައުމުގެ ކުރިއެރުމަށް މަގުފަހިކުރުވާނެ ކަމެވެ.

އެގޮތުން އަންހެނުންނަކީ ޤާބިލް ފުދުންތެރި އަދި ފަހުރުވެރިކަމާއެކު ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަށް، އަންހެނުންގެ ހައްގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ ސިޔާސަތުތައް އެކުލަވާލާ، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހުއްޓުވުމަށް ޤާނޫނީ އޮނިގަނޑު ވަރުގަދަކުރަމުންދާކަމަށް ވަޒީރު ވިދާޅުވުއެވެ.

ވަޒީރު ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމާއި އަދި އިސްވާރުންގެ ސަފުތަކުން އަންހެނުންނަށް ޖާގަ ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކޮންމެ އަންހެނަކަށްވެސް އެމީހެއްގެ ޤާބިލްކަން ދައްކައިދިނުމުގެ ފުރުޞަތު ލިބި، ހަމަހަމަކާއެކު ކުރިއަށް ދެވޭނެ މުޖްތަމަޢުއެއް ބިނާކުރުންކަމަށެވެ.

"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ވަރަށް ގާތުން ގައިޑެންސް ދެއްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިޙްލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަންހެނުންނަކީ މުޖްތަމަޢުގައި ވަރަށް އަގުހުރި ބައެއް. އަންހެނުންގެ ހިތްވަރާއި ހިކުމަތްތެރިކަމަކީ ޤައުމުގެ ތަރައްޤީއަށް އަދި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ކޮންމެހެން ބޭނުންވާ ކަންކަން." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅިވިއެވެ.

ސަރުކާރުންވެސް އަންނަނީ އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ، އެކަނިވެރި މައިންނަށް ޚާއްސަ ޢިނާޔަތާ، ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތުތައްވެސް ސަރުކާރުން ވަނީ އަންހެނުންނަށް ފަހިކޮށްދެއްވާފައެވެ.